އއ. ތޮއްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 507 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުކަމަށް ފާހަގަކުރެވިގެން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އެ ރަށަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 507 ބިދޭސީން ބަލައި ފާސްކުރެވުނުއިރު، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.