ކޮންމެ ޤައުމެއްގަ ތިބެގެން ކިޔެވި ނަމަވެސް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގަ ސާބިތުވެ ތިބުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކޮންމެ ޤައުމެއްގަ ތިބެގެން ކިޔެވި ނަމަވެސް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގަ ސާބިތުވެ ތިބުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

 

ކޮންމެ ޤައުމެއްގައި ތިބެގެން ކިޔެވި ނަމަވެސް ދިވެހި ދަރިވަރުންނަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބޭ ބައަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. 2018 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ތަޢުލީމު ޙާޞިލު ކުރުމަށް ކޮންމެ ޤައުމަކަށް ދަތުރުކުރި ނަމަވެސް ކޮންމެ ދަރިވަރަކު ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: ނިމިގެންދިއަ ތަޢުލީމީ މަރުޙަލާ ކަޑައްތުކޮށް، މިއަދު ތިޔަ ތިބި މަޤާމަށް އާދެވުނީ، ތިއަ ކުދިން ހިފެހެއްޓި ހަމަތަކާއި އުޞޫލުތަކުގެ ސަބަބުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. އެއީ ސްކޫލްގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށްހިތުމުގައި، ތިއަ ދަރިވަރުން ދެއްކި ނަމޫނާ.

ޙަޔާތުގެ ޢަމަލީ މައިދާނުގައިވެސް، އެ އުޞޫލުން ދިރިއުޅުން ބައްޓަން ކުރުމަކީ، ޤައުމުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެކަން ޔަޤީން. އިޖްތިމާޢީ ހަމަޖެހުމަކީ، އިޤްތިޞާދު ހަރުދަނާވުމުގެ ބިންގާ ކަމަށްވާއިރު، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލެނބުމަކީ، ޤައުމުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ޔަޤީން.

ތިއަ ދަރިވަރުން މިއަދު ތިޔަ ހޯދި ކާމިޔާބީ ލިބުމުގައި، މައިންބަފައިންނާއި، ބެލެނިވެރިންނާއި ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް، ހިތްހެޔޮކަމާއެކު ބަލައިގަނެ، އެކަމަށް އަބަދުވެސް ޝުކުރުވެރިވާންވާނެ. ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުވައްޒަފުންވެސް ޝާމިލުވާގޮތަށް، މި ފުރުޞަތުގައި އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ތިއަ ދަރިވަރުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބީއާއި ކުރިއެރުން. ޢިލްމު އުނގެނުމުގައި، ތިޔަ ދަރިވަރުންނަށް އަބަދުވެސް ކާމިޔާބީ މިންވަރު ކުރެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ތިޔަ ޒުވާނުންނަކީ ޤައުމުގެ ކުރިއެރުމަށް ލޯބިކުރާ އަދި ޤައުމަށް ހެޔޮއެދޭ، ވިސްނުންތޫނު ބަޔަކު ކަމުގައި ލައްވައި، ޤައުމަށް ޚިދުމަތް ކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރު ކުރައްވާށި. އާމީން!

މިއަދު އޮންލައިން