ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އައު ގޮތްތައް އީޖާދުކުރަން ތައްޔާރުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ރާއްޖޭގެ ދަރިވަރުންނަށް ގޮވާލައްވައިފިއެވެ.
2018 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމައި އިމްތިޙާނުތަކުން އެންމެ ރަނގަޅު10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް މިހާރުން ފެށިގެން ގަދައަޅައި މަސައްކަތް ކުރަންވީ، ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އައު ގޮތްތައް އީޖާދުކުރަން ތައްޔާރުވުމަށް ކަމަށާއި މިއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާގޮތުގައި، ޤައުމުގެ ތަރައްޤީއަށްޓަކައި ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ފެންވަރަށް ޢިލްމު އުނގެނިވަޑައިގެން ތިއްބެވި، ވަރަށް ތާޒާ ވިސްނުންތައް ގެންގުޅުއްވާ ބޭފުޅުން އެބަ ތިއްބެވި. ނަމަވެސް، މި ޤައުމަށް އެންމެ ބޮޑަށް ބޭނުންވާ، އައު އީޖާދުތަކާއި، އައު އުފެއްދުންތައް ލިބިގެން މެނުވީ، ތަޢުލީމަށް މި ކުރާ ހޭދައިގެ ފޮނިމީރުކަން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ޙާޞިލެއް ނުކުރެވޭނެ.
މަތީ ތަޢުލީމު ޙާޞިލުކުރުމަށް، ބޭރުގެ ކޮންމެވެސް ޔުނިވަރސިޓީއެއް އިޚްތިޔާރު ކުރާއިރު، އަޅުގަނޑު ދެކޭގޮތުގައި މިއީ، ތިޔަ ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި އަންނާނެ އެންމެ މުހިއްމު ދުވަސްވަރު. އެކި ޤައުމުތަކުގެ ތަފާތު ސަގާފަތްތަކުގެ ރަޙްމަތްތެރިންނާ އެކުވެރިކަން އުފެދި، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެ.
މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އެހެންކަމުން، ތަފާތު ޚިޔާލުތަކަށާއި، އެކި ޤައުމުތަކުގެ ސަގާފަތާއި އާދަކާދަތަކުން ތިޔަ ދަރިވަރުންގެ ވިސްނުން އެތައް ގުނައަކުން ތާޒާވެގެންދާނެ. އެކަމުގެ ފައިދާ ރާއްޖެއަށްވެސް ލިބޭނެ. އަޅުގަނޑުމެން ބޭނުންވަނީ ޞުލްޙަވެރިކަމާއެކު ދިރިއުޅެން އެނގޭ، އޯގާތެރި މުޖުތަމަޢެއް ބިނާކުރަން.
ތިޔަ ޒުވާނުން ޙާޞިލުކުރާ ތަޢުލީމުންވެސް، އެންމެ އެދެވޭގޮތުގައި ރާއްޖެއަށް ފައިދާކުރާނީ، މި ދެންނެވި ފަދަ ބަޔަކަށް ތިޔަ ޒުވާނުންވެގެން. ދިވެހި ދަރިވަރުންނަކީ ޢިލްމު ހޯދުމުގައި ވަރަށް ހުޝިޔާރު، އަދި ވިސްނުމުގެ ޤާބިލުކަންވެސް ނުހަނު މަތީ ދަރަޖައަކަށް ލިބިފައިވާ ބައެއް. މާތް ﷲގެ ވާގިފުޅާއެކު، ތިޔަ ދަރިވަރުން ހޯދާ ޢިލްމާއި ހުނަރުތަކުން މި ޤައުމަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެ.
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާން ނިންމި ކުދިންގެ ތެރޭގައި، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރޭގައި ހިމެނުނު 34 ދަރިވަރަކު މިތާ އެބަތިބި. އަދި 11 ދަރިވަރަކު ވަނީ ފަސް މާއްދާއަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި. މީގެތެރެއިން ދެ ދަރިވަރަކު ވަނީ ދެ މާއްދާއަކުން އެއްވަނަ ހޯދާފައި. މިއީ އެކުދިންނަށް އެކަންޏެއް ނޫން، މުޅި ޤައުމަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް.
މިއަދު ތިޔަ ދަރިވަރުންގެ ކިބައިން މި ޤައުމު އެދެނީ، މި ރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި އާލާކުރަމުން، ޤައުމު ތަރައްޤީ ކުރަން ދަންނަ ބަޔަކަށް ތިޔަ ޒުވާނުން ވުމަށް. ޤައުމު ބިނާކުރުމުގައި، ތިޔަ ޒުވާނުންގެ ތަޢުލީމީ ޤާބިލުކަމާއި ހުނަރުވެރިކަމުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފާނޭކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.
ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ތަޢުލީމް ޙާޞިލު ކުރުމަށް ކޮންމެ ޤައުމަކަށް ދަތުރުކުރިޔަސް، ތިޔަ ދަރިވަރުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް.
ނިމިގެންދިޔަ ތަޢުލީމީ މަރުޙަލާ ކަޑައްތުކޮށް، މިއަދު ތިޔަ ތިބި މަޤާމަށް އާދެވުނީ، ތިޔަ ކުދިން ހިފެހެއްޓި ހަމަތަކާއި އުޞޫލުތަކުގެ ސަބަބުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. އެއީ ސްކޫލްގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށްހިތުމުގައި، ތިޔަ ދަރިވަރުން ދެއްކި ނަމޫނާ.
ޙަޔާތުގެ ޢަމަލީ މައިދާނުގައިވެސް، އެ އުޞޫލުން ދިރިއުޅުން ބައްޓަން ކުރުމަކީ، ޤައުމުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެކަން ޔަޤީން. އިޖްތިމާޢީ ހަމަޖެހުމަކީ، އިޤްތިޞާދު ހަރުދަނާވުމުގެ ބިންގާ ކަމަށްވާއިރު، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލެނބުމަކީ، ޤައުމުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ޔަޤީން.
ތިޔަ ދަރިވަރުން މިއަދު ތިޔަ ހޯދި ކާމިޔާބީ ލިބުމުގައި، މައިންބަފައިންނާއި، ބެލެނިވެރިންނާއި ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް، ހިތްހެޔޮކަމާއެކު ބަލައިގަނެ، އެކަމަށް އަބަދުވެސް ޝުކުރުވެރިވާންވާނެ. ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުވައްޒަފުންވެސް ޝާމިލުވާގޮތަށް، މި ފުރުޞަތުގައި އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ތިޔަ ދަރިވަރުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބީއާއި ކުރިއެރުން. ޢިލްމު އުނގެނުމުގައި، ތިޔަ ދަރިވަރުންނަށް އަބަދުވެސް ކާމިޔާބީ މިންވަރު ކުރެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ތިޔަ ޒުވާނުންނަކީ ޤައުމުގެ ކުރިއެރުމަށް ލޯބިކުރާ އަދި ޤައުމަށް ހެޔޮއެދޭ، ވިސްނުންތޫނު ބަޔަކު ކަމުގައި ލައްވައި، ޤައުމަށް ޚިދުމަތް ކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރު ކުރައްވާށި. އާމީން!