މިރޭ ގަދަ ދިހައެއް ހާޞިލުކުރި ދަރިވަރުންނަކީ ޚާއްޞަ ފަޚުރެއް ލިބޭ ބަރިވެރިން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
މިރޭ ގަދަ ދިހައެއް ހާޞިލުކުރި ދަރިވަރުންނަކީ ޚާއްޞަ ފަޚުރެއް ލިބޭ ބަރިވެރިން: ރައީސް ޞާލިޙް

2018ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމައި އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަކީ ޚާއްޞަ ފަޚުރެއް ލިބިގެންދާ ދަރިވަރުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ 2018 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމައި އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިރޭގެ މި ޙަފްލާގައި އެކި ވަނަތައް ޙާޞިލުކޮށް އިނާމު ހޯދާ ދަރިވަރުންނަކީ، އެތައް ގޮތަކުން ބަލާއިރު، ވަރަށް ހިތްވަރުގަދަ ކުދިންކޮޅެއް ކަމަށެވެ. އަދި މި ރާއްޖޭގެ ކުރިމަގުގެ ތަރައްޤީއާއި ކުރިއެރުމާވެސް، ވަރަށް ބޮޑަށް ގުޅިފައިވާ ޒުވާނުންތަކެއް ކަމަށާއި އެހެންކަމުން، ތިއަ ހުރިހާ ދަރިވަރުންނަށް ހިތުގެ އިޚްލާޞްތެރި ލޯތްބާއިއެކު ތަހުނިޔާއާއި މުބާރަކްބާދީ ވިދާޅުވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތިއަ ދަރިވަރުންގެ އެންމެ ބޮޑު ކާމިޔާބަކީ، މަތީ ތަޢުލީމް ޙާޞިލު ކުރުމަށް، މިހާތަނަށް ދިވެހި ދައުލަތުން ތަނަވަސްކޮށްދިން، އެންމެ ފަހި ފުރުޞަތުތައް، އެންމެ ފުރަތަމަ ލިބޭ ބައަކީ، ތިއަ ދަރިވަރުން ކަމުގައިވުން ކަމަށާއި އެ ފުރުޞަތުތަކަކީ، މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ލިބޭ ރައީސްގެ އެވޯޑާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުޞޫލުތަކަށް، ސަރުކާރުން ގެނައި ހެޔޮ ބަދަލުތައް ކަމަށެވެ.

"އޭގެތެރެއިން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެ ކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ހަމަޖެހިފައި. އަދި ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުޞޫލުތައް ބަދަލުކޮށް، އޯ.އީ.ސީ.ޑީ ޤައުމުތަކުންވެސް ކިޔެވޭނެގޮތް ހެދުމުން، މީގެކުރިން ހަމަޖެހިފައި ނެތް، 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ހަމަޖެހިފައި."

 

ރައީސް ޞާލިޙްގެ ވާހަކަފުޅުން:

ސަރުކާރުން މި ފަހިކޮށްދިން ފުރުޞަތުތަކުގެ ތެރެއިން، މި އަހަރު ރައީސްގެ އެވޯޑަށާއި، ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް، މިދިޔަ މަހުގެ ތެރޭގައި ވަނީ ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކުރެވިފައި. އެ ދަރިވަރުން މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ބޭރަށް ފުރުމުގެ ކަންތައް މިހާރު އެދަނީ ހަމަޖެހެމުން.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި ތަޢުލީމް ހޯދުމަށް، ދިވެހި ޒުވާނުންނަށް މި ތަނަވަސްކޮށްދިން ފުރުޞަތުތަކަކީ، މި ސަރުކާރުގެ ޅަފަތުގައި، ރާއްޖޭގެ ތަރައްޤީއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅުތަކެއް. އަޅުގަނޑުމެން މި އެދޭ ތަރައްޤީއާ ހަމައަށް ދެވޭނީ، ފެންވަރު ރަނގަޅު ތަޢުލީމުން ސިކުނޑިތައް މުއްސަނދިވެފައިވާ ޒުވާން ޖީލެއް ބިނާކުރެވިގެން.

މި ސަރުކާރުގެ ތަރައްޤީއާއި އިޤްތިޞާދުގެ ތަޞައްވުރު ގުޅިފައިވަނީ، ޒަމާނީ ތަޢުލީމް ލިބިފައިވާ ހުނަރުވެރި އަދި ފަންނުވެރި ޢިލްމީ ރައްޔިތެއް ބިނާކުރުމާ. ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގެ ކޮންމެ ޤައުމަކުންވިޔަސް، މަތީ ތަޢުލީމް ޙާޞިލުކުރަން ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް، ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަކުން، އަޅުގަނޑުމެން އެ ފުރުޞަތު ހޯދައިދޭނަން.

ކުރިން އަޅުގަނޑު ދެންނެވި ސްކޮލަރޝިޕްތަކުގެ އިތުރުން، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލު ކުރެވޭނެގޮތްވެސް މިހާރު ވާނީ ހަމަޖެހިފައި. އަދި ސަރުކާރުން ދޫކުރަމުން އައި ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތުވެސް ވަނީ، 25 އިންސައްތަ އިތުރުކޮށްދީފައި.

ތިޔަ ޒުވާން ދަރިވަރުން، މިދިޔަ ބާރަވަރަކަށް އަހަރު ޙާޞިލުކުރި ތަޢުލީމަކީ، މިހާރު ކުރިމަތިލާން ތިޔަ ޤަޞްދުކުރާ، މަތީ ތަޢުލީމުގެ މަރުޙަލާއަށް ދިޔުމަށްޓަކައި އެޅި ބިންގާ. އެހެންވީމާ، ތިޔަ ހުރިހާ ޒުވާނުންވެސް މިއަދު ޢަޒުމް ކަނޑައަޅަންވީ، ދައުލަތުން ހޯދައިދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޤައުމު އާރާސްތު ކުރުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވުމަށް.

މަތީ ތަޢުލީމް ޙާޞިލު ކުރުމަކީ، ފޮތުގައި އޮންނަ ފިލާވަޅެއް ނުވަތަ ޔުނިވަރސިޓީގައި ދޭ ލެކްޗަރެއް ދަސްކޮށްލުން އެކަންޏެއް ނޫން. މަތީ ތަޢުލީމުގެ ޙަޤީޤީ މަޤްޞަދަކީ، އެމީހަކު އުނގެނޭ ޢިލްމެއް، އެމީހެއްގެ ޙަޔާތުގެ ޢަމަލީ މައިދާނުގައި ބޭނުންހިފާނެގޮތް އެނގުން.

މުސްތަޤްބަލުގައި އެ މީހެއްގެ ޤައުމަށާއި، މުޅި އިންސާނިއްޔަތަށް ކުރިމަތިވެދާނެ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަމަށް ޙައްލު ހޯދުމުގައި ބައިވެރިވުމުގެ ކުޅަދާނަކަމާއި ޝައުޤުވެރިކަން، އެ މީހެއްގެ ކިބައިގައި އުފެދުން. ޙަޔާތުގައި ކާމިޔާބު މީހަކީ، ޢިލްމީ ނަޒަރިއްޔާތަކުގައި ޢަމަލީ ސިފަ ޖައްސަން އެނގޭ މީހާ.

އެހެންވީމާ، ތިޔަ ދަރިވަރުންވެސް މަތީ ތަޢުލީމުގެ މަރުޙަލާގައި، ޢިލްމީ ބަހުސްތަކުގައި އުޅޭއިރު، އަބަދުވެސް ހިތުގައި ބާއްވަންވީ، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން. މި ނަލަރީތި ޖަޒީރާތައް. މި ރަށްތަކުގެ ވަށައިގެންވާ ކަނޑުފަޅުތަކާއި އޭގެ ދިރުންތައް. މި ޖަޒީރާތަކުގައި އަޅުގަނޑުމެންނަށް ލިބިފައިވާ، ޢަދަދު ނުކުރެވޭހާ ގިނަ ޤުދްރަތީ ވަސީލަތްތައް."

މިއަދު އޮންލައިން