އދ. މަހިބަދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާއިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުޑަހަޅައިފިއެވެ.
ޕެޓިޝަން ހުށަހަޅާފައިވަނީ އެރަށުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ 18 އަހަރުން މަތީގެ 644 ރައްޔިތުން ސޮއިކޮށްފައެވެ.
"ބަޔާންކޮށްފައިއެވަނީ މަހިބަދޫ ރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހިކަމުގެ ނިކަމެތިކަމުގެ ވަރަށް ކުޑަ މިންވަރެކެވެ. ރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހިކަމުގެ ދަތި ޙާލަތަކީ ފަރުދީގޮތުން ޙައްލުހޯދޭނެ މައްސަލައެއް ނޫނެވެ. މިހެންކަމުން މަހިބަދޫ ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޔުނިޓް، ފްލެޓް ނުވަތަ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެ އަވަސް ޕްލޭނެއް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލައްވައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯއްދަވައިދެއްވުންއެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙުގެ އަރިހުގައި ދަންނަވަމެވެ. އަދި ރަށުގެ އެންމެގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށްވީހިނދު، އެމައްސަލަ ޙައްލުކޮށްދޭނެ ޕްލޭނެއް ސަރުކާރުން އެކުލަވައިލައްވަންދެން މަހިބަދޫއިން މިހާރު ދޫކޮށްފައިވާ ބިންތައް ފިޔަވައި އިތުރު އެއްވެސް ބިމެއް އެއްވެސްކަމަކަށް ދޫނުކުރެއްވުން އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް އާމިނަތު އާތިފާއާއި، މަހިބަދޫ ކައުންސިލްގެ ރައީސް އަޙުމަދު ޚަލީލަށް އިލްތިމާސް ދަންނަވަމެވެ.

މަހިބަދޫ ރައްޔިތުން ހުށަހެލި ޕެޓިޝަން:
އދ. މަހިބަދޫގެ ގިނަ ރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދެއްވުންއެދި ހުށަހަޅާ ޕެޓިޝަން
އާބާދީގައި 2500 އަށްވުރެ ގިނަ މީހުން އުޅޭ އދ. އަތޮޅުގެ ވެރިކަންކުރާ މަހިބަދޫއަކީ އެކުވެރި، އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ އަމާން ރަށެއްކަމުގައި ރަށުގެ ރައްޔިތުން ދެކެއެވެ. އަތޮޅުގެ ރައްޔިތުންނާއި ގުޅޭ އެކި ޚިދުމަތްތަކާއި، އިޤްތިސާދީ އެކި މަސައްކަތްތަކާއި ގުޅިގެން ރަށުގެ ރަޖިސްޓްރީގައި ނުހިމެނޭ ދިވެހިންނާއި، ބިދޭސީން ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ ރަށެއްގެގޮތުގައި މަހިބަދޫ ހިމެނެއެވެ.
އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި، ލޯކަލް ޓޫރިޒަމާއި، ޓޫރިސްޓް ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމާއި، އެހެނިހެން އިޤްތިސާދީ ޙަރަކާތްތަކާއި، ދަޢުލަތުގެ އެކި ވަޒީފާތައް އަދާކުރުން ހިމެނެއެވެ. މަސައްކަތްތަކުގައި މަޝްޣޫލުވުމުގެ ތެރެއިން ފުދުންތެރިކަން ހޯދައިގެން ދިރިއުޅޭ މަހިބަދޫގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ދިރިއުޅުމަށް ބޭނުންވާ ބިމާއި، ގެދޮރުވެރިކަމުގެ މައްސަލަކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.
ޢުމުރުން ދުވަސްވެ، ގައިގެ ބާރު ނެތޭފަހުން ބައެއް މީހުނަށް ވާރުތަ މުދަލުގެގޮތުގައި ބަހައިގެން ލިބޭ ކުޑަ ބިންކޮޅެއް ލިބުނުކަމުގައި ވިޔަސް އަމިއްލަ ގެދޮރުގެ ހިތްހަމަޖެހުން ނެތި ދަރިންލިބި، މާމަ، ކާފަ ކިޔާ ޢުމުރަށް ގޮސްފައިވާ ކިތަންމެ މީހެއް މަހިބަދޫގައި ދިރިއުޅެމުން ދެއެވެ. ގިނަ ޢަދަދެއްގެ ރައްޔިތުން، އެމީހުންގެ ދަރިން ގޮވައިގެން އަމިއްލަ ގެދޮރުގައި އުޅޭނެ ފުރުސަތެއް ނުލިބި މުސްކުޅި ޢުމުރަށް ގޮސްފައިވުމީ ބަޔާންކުރަން ނޭނގޭނެ ދެމިގެންދާ ހިތާމައެއް އިޙްސާސްކުރަން ޖެހިފައިވާ ކަމެކެވެ.
އާއްމުކޮށް އިޢުލާނުކޮށްގެން މަހިބަދޫއިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 29 އަހަރު ކުރިން 1990 ވަނަ އަހަރުގައެވެ. އެތާރީޚުގެ ފަހުން ގޯތި ދޫކުރުމަށް 1997 ވަނަ އަހަރު އިޢުލާނުކުރުމުން ޝަރުތު ހަމަވާ ގިނަ ޢަދަދެއްގެ ބަޔަކު ފޯމު ހުށައެޅިކަމުގައިވިޔަސް ގޯތި ދޫކޮށްފައެއް ނުވެއެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި އާއްމުކޮށް ހުޅުވާލައިގެން ގޯތި ދޫކޮށްފައި ނުވުމުން ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކު ރައްޔިތުންގެ ގިނަ ބައެއް ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ޙާލުގައެވެ.
އަމާން، ކާމިޔާބު މުޖުތަމަޢެއް ބިނާކުރުމަށް ބަދަހި ޢާއިލާތަކެއް ކޮންމެހެން ބޭނުންވާއިރު، އާއިލާއެއްގެ ހިތްހަމަޖެހުމާއި، ކުރިއެރުމަށް ގޯތިގެދޮރުގެ ޙައްޤާއި، ގެދޮރުގެ ފުދުންތެރިކަމަކީ ކޮންމެހެން ބޭނުންކަމެކެވެ. ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ހައްޤެއްގެގޮތުގައި ކޮންމެ މުޖުތަމަޢަކުންވެސް ބަލައިގަންނަ ބޯހިޔާވަހިކަމުގެ ޙައްޤުން މަހުރޫމްވެފައިވާ އެތައް ޢާއިލާއެއް މަހިބަދޫގައި މިއަދު ދިރިއުޅެމުން އެބަދެއެވެ.
ދެމަފިރިންނާއި، ދަރިން އެއްކޮޓެރީގައި އުޅެންޖެހުމާއި، އެތައް އާއިލާއެއް އެކުގައި އެއްގެއެއްގައި އުޅެން ޖެހުމުގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލަތަކެއް އުފަންވެ، އެމައްސަލަތަކުގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ގެއްލި، ދަރިންގެ މުސްތަޤުބަލަށް އެއިން ނޭދެވޭ އަސަރުކުރާނެ އެތައް ހާދިސާއެއް ތަޙައްމަލްކުރަންޖެހިފައިވާ އެތަކެއް އާއިލާއެއް މަހިބަދޫގައި ދިރިއުޅެމުންދެއެވެ. އަދި މިފަދަ ކަންކަމަށް ކެތްނުކުރެވިގެން އެތައް އާޢިލާއެއް އަމިއްލަވަޒަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން ވަނީ މަޖުބޫރުވެފައެވެ. ކުއްޔާއި އެހެނިހެން ކަންކަމަށް ބޮޑެތި ޚަރަދުކުރަންޖެހޭ އެފަދަ ދިރިއުޅުމަކީ ތަނަވަސްކަން ނެތް މީހުނަށް އުފުލޭނެ ބުރައެއްނޫނެވެ.
މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ސަރުކާރުން ޙައްލު ހޯއްދަވައި ދެއްވާނެކަމަށް ވޭތުވެދިޔަ ސަރުކާރުތަކުން ވަޢުދުތައް ވެލައްވާފައިވެއެވެ. މަހިބަދޫ އަކީ ބިންހިއްކަން ހަމަޖެހިފައިވާ ރަށެއްކަމުގައި 2006 ވަނަ އަހަރު ސަރުކާރުން ކަނޑައެޅުއްވިއެވެ. މަހިބަދޫގައި 100 ފްލެޓް އެޅުމުގެ މަސައްކަތް 2009 ވަނައަހަރު ފެށޭނެކަމަށް އިޢުލާނުކުރެއްވިއެވެ. މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ޙައްލުކޮށްދެއްވާނެ ވަޢުދުތައް ވޭތުވެދިޔަ ސަރުކާރުތަކުގެ ފަރާތުން ވީކަމުގައިވިޔަސް މިހާތަނަށް ޢަމަލީގޮތުން ފެންނާނެ ކަމެއް ކުރެވިފައެއް ނުވެއެވެ. މިއަދުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙް މަޤާމާއި ޙަވާލުވެލެއްވުމުގެ ކުރިންނާއި، މަޤާމާއި ޙަވާލުވެލެއްވުމަށްފަހު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ބޯހިޔާވަހިކަން ޙައްލުކޮށްދެއްވާނެކަމަށް އިޢުލާނުކުރެއްވި ނަމަވެސް މިކަމާއިގުޅޭ އެއްވެސް ޕްލޭނެއް ކުރެވެމުންދާކަމުގެ މަޢުލޫމާތެއް ރައްޔިތުންނާއި ޙިއްސާކުރައްވާފެއެއް ނެތެވެ.
މަހިބަދޫގެ ފަޅުގެ ސަރަޙައްދު ކުޑަ ކަމުގައިވިޔަސް ރަނގަޅު ޕްލޭނެއްގެދަށުން ހިއްކައި، ދެމެހެއްޓެނިވި ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުއެއް އެކުލަވާލެވިއްޖެނަމަ ރަށުގެ އާބާދީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބޭ މިންވަރަކަށް ބިން އިތުރުކުރުމުގެ ޖާގަ އޮތްކަމަށް ރައްޔިތުން ދެކެއެވެ.
ގޯތި ގެދޮރުގެ ބޭނުން ޖެހިފައިވާ އެންމެނަށް ގޯތި ދޫކުރެވޭނެ ބިން މަހިބަދޫގައި ނެތްކަމުގައިވިޔަސް ހައުސިންގ ޔުނިޓް، ނުވަތަ ފްލެޓް އެޅުމަށް ބޭނުންކުރެވިދާނެ ބިންތައް މިހާރުވެސް އިބަހުއްޓެވެ. ނަމަވެސް މިގޮތަށް ހުރިބިންތައް، ރައްޔިތުންނާއި މަޝްވަރާކުރުމެއްނެތި، އަވަސް އަރުވާލައިގެން ރަށު ކައުންސިލުން އެހެން ކަންކަމަށް ކަނޑައަޅުއްވަމުން ދިޔުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިވަގުތު ރަށުގައިހުރި ހުސް ބިންތައް އެކި ކަންކަމަށް ދޫކޮށް ހުސްކޮށްލުމަކީ މަހިބަދޫގެ ގިނަރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ވެލައްވާފައިވާ ވަޢުދު ފުއްދުމަށް ގޮންޖެހުންތައް ކުރިމަތިކުރުވާނެ ކަމެކެވެ. ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ޕްލޭނެއްނެތި ރަށުގައި ހުރި ހުސްބިންކޮޅު ހުސްވެގެން ދިޔުމަކީ ބޯހިޔާވަހިކަމާމެދު ރައްޔިތުން ކުރަމުންދާ ދިގު އިންތިޒާރަށް ވެވޭއިޙުމާލެކެވެ. ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤަށް ދެވޭ އުނިކަމެކެވެ.
މަތީގައި ބަޔާންކޮށްފައިއެވަނީ މަހިބަދޫ ރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހިކަމުގެ ނިކަމެތިކަމުގެ ވަރަށް ކުޑަ މިންވަރެކެވެ. ރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހިކަމުގެ ދަތި ޙާލަތަކީ ފަރުދީގޮތުން ޙައްލުހޯދޭނެ މައްސަލައެއް ނޫނެވެ. މިހެންކަމުން މަހިބަދޫ ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޔުނިޓް، ފްލެޓް ނުވަތަ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެ އަވަސް ޕްލޭނެއް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލައްވައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯއްދަވައިދެއްވުންއެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙުގެ އަރިހުގައި ދަންނަވަމެވެ. އަދި ރަށުގެ އެންމެގިނަ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށްވީހިނދު، އެމައްސަލަ ޙައްލުކޮށްދޭނެ ޕްލޭނެއް ސަރުކާރުން އެކުލަވައިލައްވަންދެން މަހިބަދޫއިން މިހާރު ދޫކޮށްފައިވާ ބިންތައް ފިޔަވައި އިތުރު އެއްވެސް ބިމެއް އެއްވެސްކަމަކަށް ދޫނުކުރެއްވުން އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙާއި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް އާމިނަތު އާތިފާއާއި، މަހިބަދޫ ކައުންސިލްގެ ރައީސް އަޙުމަދު ޚަލީލަށް އިލްތިމާސް ދަންނަވަމެވެ.