ނޮވެމްބަރު 3 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި ޢަބްދުﷲ ލުޠްފީ ލަންކާގައި ފިލައިގެން އުޅުނުތަނުގެ މައުލުމާތު ދިވެހި ފުލުހުންނަށް ލިބުމުން ދިވެހި ފުލުހުން ލަންކާއަށް ފޮނުވައި މަސް ދުވަސްވަންދެން ފާރަލެއްވިން ކަމަށް އެއިރުގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢުމަރު ނަޞީރު މިއަދު ވިދާޅުވީ ފުލުހުން ލަންކާއަށް ފޮނުވައި ލަންކާގައި ބައިތިއްބައިގެން ލުޠްފީ ހޯދަން މަހެއްހައި ދުވަހު މަސައްކަތްކުރިކަން ފުލުހުންގެ ރެކޯޑްތަކުން އެނގޭނެ ކަމަށެވެ. އަދި އެކަމަށް ކުރި ޚަރަދުތަކުގެ ތަފްޞީލުތައްވެސް އެނގެން ހުންނާނެ ކަމަށެވެ. "ލުޠްފީ އުޅޭކަމަށް ވަނީ ސިފަ ބަދަލުކުރަން ތޮތްޕެއް ވެސް އަޅައިގެން. އެ ހުރިހާ ކަމަކަށް ވިސްނައިގެން ފުލުހުން ފާރަލަމުން ގެންދިއައީވެސް!"
ޝައިޚް އިމްރާން ވިދާޅުވީ ލުޠްފީ ނުގެނެވިގެން އުޅޭ މައްސަލަ ލިޔުންތަކާއި އެޅުވުމަކީ ވެސް ވަރަށް ޖޯކް ކަމެއް ކަމަށެވެ. "އެއީ ޖުރުމަނާ ދައްކަން ޖެހޭ ކަމެއް ވެސް ނޫން. ލިޔުމެއް ބޭނުންވާނެ ކަމެއް ވެސް ނޫން. އެމަބަސީން މީހަކު ލުޠްފީ ގޮވައިގެން އެއާޕޯޓަށް ގޮސްފައި އިމިގްރޭޝަނުގައި އެދުމުން ވަގުތުން ފްލައިޓަށް އަރުވައިދޭނެ! ޖުރުމަނާއެއް ލިޔުމެއް ބޭނުމެއް ނުވާނެ.! އަހަރެމެން ވާނީ އެގޮތަށް މީހުން ގެނެސްފަ. ލުޠްފީ ނުގެނެސް އެ ލަސްކުރަނީ އަނބުރަން އުޅޭ ގޭސްގަނޑު އަދި ރަނގަޅަށް ފައްކާ ނުކުރެވޭތީ. އެކަމަށް ދައްކާ ބަހަނާތައް އެއީ."
ޢުމަރު ނަޞީރު ވިދާޅުވީ ލުޠްފީ ނަމަވެސް އެހެން މީހަކު ނަމަވެސް މީހުން މަރައިފިނަމަ އެމީހަކަށް ލިބެން ޖެހޭ ޤާނޫނީ އަދަބު ލިބެން ޖެހޭނެ ކަމަށް އަބަދުވެސް ވަކާލާތުކުރައްވަމުން ގެންފަވާ ކަމަށެވެ.