އެއް ރެއެއްގެ ފަތިސްވުމާއި ގާތަވެފައިވާ ވަގުތެކެވެ. މިސްކިތުގެ އިމާމް މިސްކިތަށް ވަޑައިގަތުމަށް ގެއިން ނުކުންނެވި ވަގުތެވެ. މަގުމަތިން ބައްދަލުވެވަޑައިގަތީ ވަރަށް ވަރުބަލިވެފައި ހުރި ޒުވާނަކާއިއެވެ. އިމާމް ފެނުމުން ޒުވާނާއަށް ރޮވެން ފެށިއެވެ.
އިމާމް ޒުވާނާ އާއި ސުވާލު ކުރެއްވެވިއެވެ. އެހައި ވަރުބަލިވެފައި ހުރުމުންނާއި ރޮވުނީ ކީއްވެގެންތޯއެވެ؟ ކޮން ކަމެއް ޙާޞިލުނުކުރެވިގެންތޯއެވެ؟ ޖަވާބުގައި ޒުވާނާ ދެންނެވިއެވެ.
"އިމާމް އެވެ! އެއްވެސް ކަމެއް އަޅުގަނޑަކަށް މަދެއް ނޫނެވެ. ފައިސާ އާއި ތަނަވަސްކަން އެބަހުއްޓެވެ. މުދައު އެބަހުއްޓެވެ. ގެދޮރު އެބަހުއްޓެވެ. އަނބިދަރިންވެސް އެބަތިއްބެވެ. ނަމަވެސް އަޅުގަނޑަށް މިއުޅެނީ ބަލިފައަކުން ސަލާމަތް ނުވެވިގެންނެވެ.
އަޅުގަނޑަކީ ރޭގަނޑުވުމުން ނައިޓް ކްލަބްތަކަށް ގޮސް އުފާކުރަން ދެވި ހިފާފައި ހުރި މީހަކީމެވެ. ހިލޭ އަންހެނުންނާއިއެކު އުފާކުރަން ދެވި ހިފާފައި ހުރި މީހަކީމެވެ. އެކަންކަމުގެ ހުރި ނުބައިކަން ވިސްނިގެން ހުއްޓައިލަން މަސައްކަތްކުރާތާ މަހެއްހައި ދުވަސް ވެއްޖެއެވެ. ނަމަވެސް ހަމަ ނިދިވެސް ނުއަންނަނީއެވެ. އެންމެފަހުން މަޖުބޫރުވުމުން ގެއިން ނުކުންނަނީއެވެ. ނަމަވެސް ވޮލެޓެއް ނުގެންނަމެވެ. ކާރެއް ނުނެރެމެވެ. މަގުތަކުގައި ހިނގަނީއެވެ. ވަރުބަލިވުމުން ގޮސް ފެންވަރައިގެން އޮށޯތީމާ ކޮންމެވެސް ވަރަކަށް ނިދެއެވެ. ވަރުބަލިވެފައި މިހިރީ އެހެންވެގެންނެވެ. ރޮވުނީ އިމާމް ފެނުމުން ކުރި އަސަރުންނެވެ."
އޭނާއަށް ހިތްވަރު ދެއްވައިގެން އިމާމް މިސްކިތަށް ވަޑައިގަތީ އޭނާ ގޮވައިގެންނެވެ. ފަތިސް ނަމާދު ނިމިގެން އޭނާ ގެންނަވައި އިމާމް ވިދާޅުވިއެވެ. "ދެން ތިއަގޮތަށް މަގުމަތީގައި ނުހިނގާށެވެ! ގެއިން ނުކުންނަން ބޭނުންވީމާ މިސްކިތަށް އަންނާށެވެ! މިސްކިތުގައި އިނދެ ފަތިސް ނަމާދުކޮށްގެން ކޮންމެ ރެއަކުވެސް ބައްދަލުކޮށްލާށެވެ!"
ޖެހިގެން އައި ރެއިން ފެށިގެން އޭނާ އެގޮތަށް އަމަލުކުރަން ފެށިއެވެ. ނަތީޖާ އެނގޭ ހެއްޔެވެ؟ 3 ވަނަ ރޭ ގެއިން ނުކުންނާކަށް ނުޖެހުނެވެ. ހަމަ އޮށޯތްތަނުން ނިދިއްޖެއެވެ. ހޭލެވުނީ ފަތިސްވުމާއި ދާދި ގާތްވެފައި ހުއްޓައެވެ. އަވަސް އަވަހަށް މިސްކިތަށް ގޮސް ފަތިސް ނަމާދު ކުރިއެވެ. އަދި އިމާމް އާއި ބައްދަލުކޮށް އެރޭ ކަންތައް ވީގޮތް ކިޔައި ދިނުމުން އިމާމް ވިދާޅުވިއެވެ.
"ތިއަ ބާވަތުގެ ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ޙައްލަކީ މިސްކިތެވެ. މިސްކިތާއި ކައިރިވާން ފެށުމަކީ ޝައިޠާނާ އެންމެ ބޮޑަށް މާޔޫސްވާ ކަންތަކެވެ. ޚާއްޞަކޮށް މިސްކިތުގައި ގިނަ ވަގުތު ހޭދަކުރުމެވެ. ތިބާ އިޚްލާޞްތެރިކަމާއިއެކު ތައުބާވާން ކުރި މަސައްކަތުން ތިބާއަށް މިރޭ ތިއަވަނީ ކުރިއެރުން ލިބިފައެވެ. ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ ކޮންމެވެސް މިންވަރެއް ޞަދަޤާތްކުރާށެވެ! އަދި ވީވަރަކުން މިސްކިތާއި ގުޅުން ބަދަހިކުރާށެވެ! އަމިއްލަ ދިރިއުޅުންވެސް ދާނީ ކުރިއަރަމުންނެވެ!"
މިއަދު އެ ޒުވާނާއަކީ ހަމައެކަނި މިސްކިތަށް ދާ ޒުވާނެއް ނޫނެވެ! އަވަށުގައި ހުރި 3 މިސްކިތަށް ޚިދުމަތްކުރާ ޒުވާނެކެވެ. އަދި ވިޔަފާރީގައި ކުރިއަށްވުރެ މާބާރަށް ކުރިއަރަމުން އަންނަ ޒުވާނެކެވެ. ވީމާ ތައުބާވާށެވެ! ތައުބާވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ތެދުމަގު ދައްކަވާނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން