ދަރިން ބަސް ޤަބޫލު ނުކުރާނަމަ މިގޮތަށް ކަންކަން ކޮށް އަޖުމަ ބަލައިލަބަލާށެވެ! 99 އިންސައްތަ ކާމިޔާބު ވާނެ! އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދަރިން ބަސް ޤަބޫލު ނުކުރާނަމަ މިގޮތަށް ކަންކަން ކޮށް އަޖުމަ ބަލައިލަބަލާށެވެ! 99 އިންސައްތަ ކާމިޔާބު ވާނެ! އިން ޝާ ﷲ!

ދަރިފުޅު ކިހިނެއްތޯ؟ އަހައިފިނަމަ ގިނަ މީހުން ދައްކާނީ ދަރިންގެ ހުންނަ އުނި ސިފަތަކުގެ ވާހަކައެވެ. ފިލާވަޅު ދަސްނުކުރާ ވާހަކަ އާއި ބަސް ޤަބޫލުނުކުރާ ވާހަކަ އާއި ދެންވެސް ދަރިފުޅު ގާތު ކުރަން ބުނުމުން ނުކުރާ ކަންކަމުގެ ވާހަކައެވެ. ލިސްޓު ކިޔައިދީ ނިންމާއިރު ދަރިފުޅުގެ ކިބައިގައި ހަމަ އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށް ހީވާވަރުވާނެއެވެ.

ކަންދިމާވިގޮތުން ޖެހިގެން އަންނަ ދުވަހު ދަރިފުޅު ނިޔައުވީއެވެ. އެދުވަހު ދައްކާނީ ދަރިފުޅުގެ ރަނގަޅުވާހަކައެވެ. ދަރިފުޅުގެ ކިބައިގައި ހުރިކަމަށް ބުނި އެއްވެސް އުނިސިފައެއްގެ ވާހަކައެއް ނުދައްކާނެއެވެ. ވީމާ ސުވާލަކީ ހަމަ އެންމެ ދުވަހެއްގެ ތެރޭގައި ހުރިހާ ކަންކަމެއް މިބަދަލުވަނީ ކީއްވެގެން ހެއްޔެވެ؟ 

ރަނގަޅަށް ވިސްނައިލާށެވެ. ދަރިފުޅުގެ ހުރިހާ ނުބައި ސިފަތަކެއްގެ ވާހަކަ ކުރިން ދެއްކީ ދަރިފުޅު ތިމާ އާއިއެކު ދުނިޔޭގައި ހުރީތީއެވެ. ދަރިފުޅުގެ އަގު ވަޒަން ކުރެވެނީ ދަރިފުޅު މަރުވެ ތިމާ އާއި ވަކިވުމުންނެވެ. ނިކަން ބުނެބަލާށެވެ! މިއީ ހަމަ ރަނގަޅު ގޮތް ހެއްޔެވެ؟ 

މިކަމުން އެނގެނީ ކުރިންވެސް ހަމަ އެދަރިފުޅުގެ ކިބައި ހަމަ ރަނގަޅު ސިފަތަކެއްވެސް ހުރިކަމެވެ. ވަޒަން ނުކުރެވުނީއެވެ. 

މީހަކު ހަމަ އަހައިލާއިރަށް ދަރިފުޅުގެ ކިބައިގައި ހުންނަ ހުރިހާ އުނިފަތަކެއްގެ ވާހަކަ ނުދައްކާށެވެ. އެކަންކަން ކިޔައި ނުދޭށެވެ! ދަރިފުޅުގެ ކިބައިގައި ހުންނަ އުނިސިފައެއް އިޞްލާޙްކުރަން އެހީތެރިވެދޭނެ މީހެއްގެ ގާތު ނޫނީ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާށެވެ! ނިކަން ބުނެބަލާށެވެ! އެވާހަކަތައް ފެންނަހައި މީހުންގެ ގާތުގައި ދެއްކުމުން ކުރާނީ ކޮން ފައިދފާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެ ކަމެއް ކުރަންވީ ކީއްކުރަން ހެއްޔެވެ؟ 

ދަރިން ބަސް ޤަބޫލުނުކުރާނަމަ ހެޔޮ ލަފާ މީހުން ލައްވައި ނަޞޭޙަތްދޭށެވެ! ދަރުސް ދޭށެވެ! ދަރިފުޅުގެ އަތުގައި ހިފައިގެން މިސްކިތަށް ގެންދިއުން ގިނަކުރާށެވެ! ދަރިންނާއިއެކު ތިމާވެސް އިށީނދެ އިނދެ ކީރިތި ޤްރްއާން ކިޔަވަން ވީހައި ގިނަ ވަގުތު ހޭދަކުރާށެވެ! ދަރިފުޅަށް ރަނގަޅު ގޮތްތައް މެދުވެރި ކުރެއްވެވުން އެދި ވީހައި ގިނައިން ހެޔޮ ދުޢާކުރާށެވެ! 

ޒަމާން މިވަނީ ބަދަލުވެފައެވެ! ކުރާށޭ ބުނުމަކުން މިހާރަކު ނުފުދޭނެއެވެ! ކުދިންނާއިއެކު މައިންބަފައިންވެސް ކަންކަން ކުރާށެވެ! އެއީ ކުރަންޖެހޭ ކަންކަން ކަމުގައި ކުދިންނަށް ޤަބޫލުކުރެވޭނީ އެއިރުންނެވެ.  

ހަމައެއާއިއެކު މަންމަ އާއި ބައްޕައަކީ ދަރިންނަށް ނަމޫނާ ބައަކަށްވާށެވެ! ދަރިންގެ ކުރިމަތީގައި އެކަކު އަނެކަކަށް ކިޔަމަންތެރިކަން އަދާކުރާ ބައަކަށްވާށެވެ! އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާ ބައަކަށްވާށެވެ! 

ނިކަން ބުނެބަލާށެވެ! ދަރިން ބަސް ނުއަހައިގެން ކަންބޮޑުވެގެން ތިއުޅޭ މައިން ބަފައިން މިކަންކަން ކުރަމު ހެއްޔެވެ؟ ޔަޤީންކަމާއިއެކު ބުނެފާނަމެވެ. މިބުނި އުޞޫލުން ދަރިންނާއިމެދު ކަންކަން ކުރެވޭނަމަ ބަސް ޤަބޫލުނުކުރާނީ ހަމަ ސަތޭކައަކުން އެންމެ ކުއްޖެއްހައި މަދު އަދަދަދެއްގެ ކުދިންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން