ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމާ ބެހޭގޮތުން ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބާއްވާ މަސައްކަތު ބައްދަލުވުމެއް ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފިއެވެ.
މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަލްފާޟިލް އަޙްމަދު ރިޔާޟްއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ފިކުރީގޮތުން ހައްދުފަހަނައަޅާ ދިޔުން ހުއްޓުވުމުގައި ސްކޫލްތަކުގެ އިސްވެރިންގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ މޭޖަރ އިބްރާހީމް ނަޢީމް މުޖުތަމަޢުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ތަހައްމަލުކުރުމުގެ ނުވަތަ ޓޮލަރަންސްގެ ސަގާފަތެއް ޤާއިމްކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މި މަސައްކަތުގައި ތަޢުލީމީ ދާއިރާގެ ދައުރާއި ގުޅޭ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުވެސް ހިއްސާކުރެއްވިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމް.އެން.ޑީ.އެފް ސަދަން އޭރިއާ އަދި ޔު.އެން.ޑީ.ޕީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް، ސްކޫލްތަކުގެ އިސްބޭފުޅުންނަށް ހިންގާ ޕްރޮގްރާމެކެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންގެ އިތުރުން ޑރ. އިބްރާހީމް ޒަކަރިއްޔާ މުސާއެވެ. އެއްދުވަހުގެ މުއްދަތަށް ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ހުވަދުއަތޮޅު ދެކުނުބުރީގެ 11 ސްކޫލަކުން 34 ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގޭ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، "ގްރޭޓަރ މާލެ" ސަރަހައްދުގައިވާ ސްކޫލްތަކާއި، އައްޑޫ ސިޓީގައިވާ ސްކޫލްތައް އަދި ތިލަދުންމަތީ ދެކުނުބުރީގައިވާ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށްވެސް ވަނީ ހިންގިފައެވެ.