ރާއްޖޭގައި ވެރިކަން ކުރާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާ ބައްދަލުވުންތައް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ބައްދަލުވުންތައް ނުބޭއްވެވީ އިންތިޚާބުގެ ކަންކަމުގައި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް އެއްބަސް ނުވެވުމުން، އެއިރު ބައްދަލުވުމެއް ބާއްވައިގެން ކުރާނެ ފައިދާއެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރެއްވެވޭތީ ކަމަށެވެ.
ރައީސް އިބަރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ޖުލައި 1 ގައި ވެސް ބައްދަލުވުމެއް ބާއްވަވަން މަސައްކަތްޕުޅު ކުރެއްވެވި ކަމަށާއި ނަމަވެސް އެއް ލީޑަރަކު ރާއްޖޭގައި ނެތުމުން ނުބޭއްވެވުނީ ކަމަށެވެ.
ކޯލިޝަނުގެ ލީޑަރުންގެ މެދުގައި މީގެ ކުރިންވެސް ވަނީ ބައެއް ބައްދަލުވުން ބާއްވައިފައެވެ. ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިވާ ކަމަށް ބުނެވޭކަށް ނެތެވެ.