ސީރިޔާގެ ރިފިޔުޖީ ކޭމްޕުގައި ތިބި ދިވެހިން ދިވެހި ސަރުކާރުވެސް އަތްފޯރާ (ސަރުކާރަށްވެސް ވާސިލުވެވޭ) ހިސާބުގައި ހުރި ތަނަކަށް ބަދަލުކުރަން އދގެ ޖަމާއަތްތަކާއި ގުޅިގެން ދިވެހި ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ސީރިޔާގައި ތިބި ދިވެހިން ރާއްޖެ ގެންނަން މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް އެމީހުން ގެނެސް، ގެންނަ ގޮތަށް މުޖުތަމައުގެ ތެރެއަށް ދޫކޮށް ނުލެވޭނެ ކަމަށެވެ. "އެހެންވެ އެމީހުން ބައިތިއްބާނެ ތަނެއް އަޅަމުން މިގެންދަނީ. އެމީހުންނަށް ބޭނުންވާ ނަފްސާނީ ފަރުވާ ދޭނެ މީހުން ތަމްރީނުކުރަމުން މިގެންދަނީ."
ބައެއް ޚަބަރުތަކުން އެނގޭ ގޮތުގައި ސީރިޔާއަށް ދިއަ ދިވެހިންގެ ތެރެއިން 40 ވަރަކަށް މީހުން މިހާރުތިބީ ރާއްޖެ އަންނަން ބޭނުންވެގެންނެވެ. އަދި އެއިގެ ތެރޭގައި 17 ވަރަކަށް ކުޑަކުދިން ވެސް ހިމެނެއެވެ.