މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި މި ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ތިމާވެށްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އަބޫ ދާބީގައި ބޭއްވި ތިމާވެށްޓާއި ގުޅޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވަމުން ޑރ. ޙުސައިން ވިދާޅުވީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭރު ޤައުމުތަކުން ފައިސާ އެހީއާއި އެއްބާރުލުން ބޭނުންވާކަމަށެވެ.
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް ތިމާވެށްޓާއި ރައްޓެހި ގޮތްތައް ހޯދުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ މިއަހަރުގެ ސެފްޓެމްބަރު މަހުގައި އެމެރިކާގައި ބާއްވާ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމަށް ޔޫއޭއީގައި 30 ޖުލައި އިން 01 ޖުލައި އަށް ބޭއްވި ބައްދަލުވުމެކެވެ.