ސިއްޙީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ތިމާވެއްޓާއި ރައްޓެހި މަޝްރޫޢުތަކަކަށް ހަދާނަން: ހެލްތު މިނިސްޓަރ

ކިޔުމަށް ހޭދަވާނީ 1މ 41ސ
ސިއްޙީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ތިމާވެއްޓާއި ރައްޓެހި މަޝްރޫޢުތަކަކަށް ހަދާނަން: ހެލްތު މިނިސްޓަރ

ސިއްޙީދާއިރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކެއްކަން ޔަޤީން ކުރާނެކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިދިޔަ މަހުގެ 30އިން މިމަހުގެ 1އަށް ޔޫއޭއީގައި ކުރިއަށްދިޔަ ތިމާވެއްޓާއި ސިއްޙަތާ ގުޅޭ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހު ބާއްވާ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމުގެގޮތުން ކުރިއަށްގެންދިއަ މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވަނީ، ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސިއްޙަތަށް ކުރިމަތިވާ މައްސަފަތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި، މިކަމާނާ ދިމާވާ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަރާތަކާ ގުޅޭގޮތުން އެކި ޤައުމުތަކާ މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ތިމާވެއްޓާގުޅޭ މައްސަލަތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސިއްޙީދާއިރާއިން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކެއްކަން ޔަޤީންކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރައްވިއެވެ.

ރާއްޖޭގައި މިކަން ތަންފީޒުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ސަރުކާރުން ހިންގުމަށް ރާވާފައިވާ ގްރީން ހޮސްޕިޓަލްފަދަ ޕްރޮޖެކްޓްތަކަކީ މީގެ މިސާލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރވަނީ މިފަދަ ޕްރޮޖެކްޓްތަކަށް ތިމާވެއްޓާއި ގުޅޭ ފަންޑުތަކުގެ އެހީ ލިބޭނެގޮތް ހޯދުމަކީ މި ފަދަ ސަމިޓަކުން ރާއްޖެ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއްކަމަށް ވިދާޅުވެފައެވެ.

އެކުވެރި އަރަބި އިމްރާތްގެ އަބޫދާބީގައި ކުރިއަށްދާ ކްލައިމެޓް އެކްޝަށް ސަމިޓްގައި މިނިސްޓަރ ޢަބްދުﷲ އަމީންއާއި މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ.ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން