އިންޓަރނެޓް ސްޕީޑްގައި ﷲ ގެ ޙަޟްރަތުން ކަންކަން ވުމަށް ނޭދޭށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އިންޓަރނެޓް ސްޕީޑްގައި ﷲ ގެ ޙަޟްރަތުން ކަންކަން ވުމަށް ނޭދޭށެވެ!: މުފްތީ މެންކް

ދެމަފިރިއެއްގެ ހުރި ހަމަ އެންމެ ދަރިފުޅެވެ. އުމުރުން 10 އަހަރުގައި ކެންސަރު ޖެހުނީއެވެ. ބައްޔަށް ފަރުވާކުރަމުން ގޮސް އަތްމަތި ހުސްވީއެވެ. ލޯނުވެސް ނެގީއެވެ. ދަރިފުޅު ބަލިން ސަލާމަތްވިއެވެ. ނަމަވެސް ލޯނެއް ނުދެއްކުނެވެ. ގެދޮރު ވިއްކަން ޖެހޭ ޙާލަތަށް ކަންކަން ދިއައެވެ. 

ދަރަނި އަދާކުރެވޭތޯ ދެމަފިރިންނަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ކަންކަން ދިއައީ ފޭލްވަމުންނެވެ. އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރި އެއްވެސް މީހެއްގެ އަތުން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. ނަމަވެސް ދެމަފިރިންވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ގެނދިއައީ ކެނޑިނޭޅި ދުޢާކުރަމުންނެވެ! ރޭގަނޑުގެ ދަމުނަމާދަށްފަހު ފަތިސްވަންދެން ދެމަފިރިން ތިބެނީ ހޭލައި ދުޢާކުރުންމަތީގައެވެ. 

އެންމެފަހުން ލިބުނު ކޯޓުގެ އެންމެ ފަހު ޗިޓަށް ދެމަފިރިން ކޯޓަށް ދިއައީ ގެ ވަގުތުން ނީލަން ކިޔައިފާނެ ކަމަށް ބަލައި އެދުވަހުން ދުވަހަށް ގެއިން ނުކުންނަން ޖެހުނު ނަމަވެސް ނުކުމެވޭ ގޮތަށް ތައްޔާރުވެސް ވެގެންނެވެ. 

ކޯޓަށް ވަންނަނިކޮށް މީހަކު ގޮވައިލުމުން ބަލައިލިއިރު ފިރިމީހާ އާއިއެކު ކޮލެޖުގައި އުޅުނު ދަރިވަރެކެވެ. ޒަމާންތަކަކަށްފަހު ބައްދަލުވީއެވެ. ހާލު އަހައިލުމުން ޖެހިގެން އުޅޭ މުޞީބާތުގެ ވާހަކަ ކިޔައިދިނެވެ. އަދި އޭނާގެ އަތުގައި އޮތް ޗިޓަށް ބަލައިލުމަށްފަހު އެބަ އަންނަ ކަމަށް ބުނެފައި ދިއައީއެވެ.

ޝަރީއަތް ފެށުނުތަނާ ފެނުނީ ކުއްލިއަކަށް އޭނާ އައިސް ކޯޓްރޫމަށް ވަންތަނެވެ. ޤާޟީގެ އިޒުނައާއިއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރުއެވެ! މިއީ އަޅުގަނޑާއިއެކު ކޮލެޖުގައި ކިޔަވަން އުޅުނު ވަރަށް ގާތް އެކުވެރިއެކެވެ. އޭނާގެ ދަރަނީގެ އަދަދު ވިދާޅުވާށެވެ! އަޅުގަނޑު މިހުރީ ހަމަ މިވަގުތު އެ ފައިސާ ދައްކައި ނިންމާށެވެ!" 

މީސްތަކުންނޭވެ! މިހިރީ ހަމަ މިޒަމާނުގައި ހިނގަމުންދާ ކަންކަމެވެ. މީހެއްގެ ދުޢާ އިޖާބަ ކުރައްވަވާނީ ކޮން ގޮތަކުން ކޮން ވަގުތަކުކަން އަހަރެމެން އެކަކަށްވެސް ނުއެނގޭނެއެވެ. މަތިން ގަޑިޖެހުމާއިއެކު އެކަމެއް ވެނިމޭނެއެވެ.   

ޒަމާން ފަސްވެ މީސްތަކުން މިތިބީ ފާސްޓްފޯވާޑުގައެވެ. ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ އެންމެ ބާރުމިނުގައި އިންޓަރނެޓުން ކަންކަން ކުރެވޭ ސްޕީޑްގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެވެނީވެސް ހަމަ އެ ސްޕީޑްގައެވެ. އެދޭ ކަމެއް ކިރިޔާވެސް ލަސްވެލައިފިނަމަ ޝަކުވާތައް ގިނަވެއެވެ. 

މިއީ ވަރަށް ބޮޑު ގޯހެކެވެ. އަހަރެމެންނަށް އޮތީ ބޭނުންވާ ކަންކަމުގައި އެދި ދެންނެވުމެވެ. ހިތްމަވައިދެއްވަވާނެ ވަގުތު އެއީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ. 

ބޭންކުގެ އެކައުންޓުގައި ހުންނަ ތިބާގެ އަމިއްލަ ފައިސާ ނަގަން ދިއަ ނަމަވެސް ބައެއް ފަހަރު އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި މަޑުކުރަން ޖެހޭ ނޫން ހެއްޔެވެ؟ އެއީ ތިބާ ނަގަން ގޮސް ހުރީ ތިބާގެ އަމިއްލަ ފައިސާ ކަމުގައިވާއިރުވެސް މެއެވެ. ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދުޢާކުރާއިރަށް ވަގުތުން އެކަމެއް ހިންމަވައި ދެއްވެވުމަށް އެދެވޭނީ ވެސް ކިހިނަކުން ހެއްޔެވެ. ވީމާ ކެތްތެރިވާން ދަސްކުރާށެވެ! ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައިކަން ޔަޤީންކޮށްގެން ހުންނަ މީހާއަށް އަބަދުވެސް މެދުވެރިވާނީ ހެޔޮ ގޮތްތަކެވެ. 

މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން