"ރާއްޖެއަށް ޓެރަރިސްޓް ހަމަލާދީ، އެތައް ބައަކު ޝަހީދުކޮށްލި މީހަކު، އަދަބަށް ފިލައިގެން ގޮސް، އަދަބުގެ މުއްދަތުގައި، ދިވެހި އެމަބަސީއެއްގެ ތެރޭގައި އަރާމުގައި އުޅޭ މަންޒަރަކީ ދިވެހިންނަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެ ކަމަށާއި އެއީ އެތައް ބައެއްގެ ބަދު ދުޢާ ޖެހިދާނެ ކަމެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިހުންނަނީ ގޯސް ކަންތައް ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވަނީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ ދިނުމުގައި އެންމެ އިސްކޮށް ހުރި ޢަބްދުﷲ ލުޠްފީ، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބަހައްތާފައި ހުންނާތީ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރާ ވަގުތެއްގައެވެ.
ބައެއް މީހުން ބުނަނީ ލުޠްފީ އެމްބސީގެ ހިމާޔަތް ހޯދީ އެއިރު ލަންކާގެ ފުލުހުން ހިންގަމުން ދިއަ އޮޕަރޭޝަންތަކުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުން އެކަމުން ސަލާމަތްވުމަށް ކަމަށެވެ.
ލުޠްފީއަށް ފިލުމުގެ ފުރުޞަތު ލިބުނީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ލަންކާއަށް ފޮނުވުމުންކަން ފާހަގަކުރެވެއެވެ. އަދި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރުކުރެވުމުން އެކަން ސަރުކާރުން އިއުލާނުނުކޮށް 2 މަސް ދުވަސްވަންދެން ސިއްރުކުރި މައްސަލައިގައި ގިނަ ބައަކު ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ.