ރާއްޖޭގެ އެއްވެސް ސަރަހައްދެއްގަ ބޭރު ޤައުމެއްގެ އަސްކަރީ ބޭސް އެއް ހެދުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގެ ޔަޤީންކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދެއްވައިފިއެވެ.
ޝަމާލް އެކަމުގެ ޔަޤީންކަން ދެއްވީ މިހާރުވެސް ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބިއިރު، އިންޑިއާއިން އުތުރު ތިލަފަޅު ތަރައްޤީ ކުރަން ހަމަޖެހުމާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބަނޑޭރި ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ވަގުތީ ގޮތުން ނަމަވެސް އަދި ދާއިމީ ގޮތެއްގައި ނަމަވެސް ބޭރު ޤައުމެއްގެ އަސްކަރީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި އެކަމުގެ ޔަޤިންކަން ދެއްވާ ކަމަށެވެ.
ޝަމާލް ވިދާޅުވީ ނަމަވެސް ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރަން ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދާނެ ކަމަށާއި އެއީ އައުކަމެއްވެސް ނޫން ކަމަށެވެ. "އެހީ މިހޯދަނީ 3 ދާއިރާއަކުން. އެއްދާއިރާއަކީ ތަމްރީނުގެ އެހީ. ދެވަނަ ދާއިރާއަކީ ވަސީލަތުގެ އެހީ. އެއީ އިކްއިޕްމަންޓާއި ރިސޯސަސްގެ އެހީ. ދެން މިއޮންނަނީ ކެޕޭސިޓީ ބިލްޑްކުރުމަށްޓަކައި ވެދޭ އެހީތައް. އިތުރަށް އޮންނަނީ ކުރިމަތިވެދާނެ ކަންކަމަށް ބަލައި ގުޅިގެން ކުރާ ކަންކަން. މިއީ ވެސް އަލަށް ކުރާ ކަންކަމެއް ނޫން. ސިފައިން ތަމްރީނުކުރުމަށާ އިނބްފްރާސްޓްރަކްޗަރ ޑިޮވޮލޮޕްމަންޓަށް ބޭރުގެ އެހީ ހޯދާތާ އެތައް ޒަމާނެއް ވެއްޖެ."
ޝަމާލް ކޯސްޓްގާޑުގެ އުޅަނދުތައް މަރާމާތުކުރަން އެމްއެންޑީއެފްގެ އަމިއްލަ ޑޮކްޔާޑަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެފަދަ ފެސިލިޓީއެއް ނެތުމުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. "އިންޑިއާއިން މިހާރުވެސް ވަނީ އެކަމަށް ހިލޭ އެހީއެއް ދޭނެކަމުގެ އިޝާރާތެއް ކޮށްފަ."