އާދައިގެ މަތިން ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެއް ނިމިގެން ދިއައީ އެވެ. ހުކުރު ވިލޭރެއާއި ހުކުރު ދުވަސްވެސް ނިމިގެންދިއައީއެވެ. ނިކަން ބުނެބަލާށެވެ. ހަމަ އެކަކުވެސް އެންމެ ކުޑަމިނުން މިފަދައިން ނަމަވެސް ދުޢާ ކުރިން ހެއްޔެވެ؟ ނުކުރެވޭނަމަ އަންނަ ހުކުރު ދުވަހަށް ފޮރުވާށެވެ!
"ޔާ ﷲ! މިއަދަކީވެސް ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެކެވެ! އިނބަ ﷲ ގެ ޙެޔޮ ރަޙްމަތްފުޅުން ފުރިގެންވާ ދުވަހެކެވެ. އަޅަމެންނަކީ ފާފަތަކުން ފުރި ފޯވެގެން ތިބި ބައަކީމުއެވެ! ޔާ ﷲ އަޅަމެންނަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވައި އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ!
ބޮޑެތިފާފަތަކާއި ކުދި ފާފަތައް އަޅަމެންނަށް ކުރެވުނީ އަޅަމެންގެ ނިކަމެތިކަމުންނެވެ! އިނބަ ﷲ އީ ނިކަމެތިންނަށް ރަޙްމް ކުރައްވަވާ ޣަފޫރުއްރަޙީމްއެވެ! އަޅަމެންނަށް ކުރެވިފައިވާ ބޮޑެތި ފާފަތަކާއި ކުދި ފާފަތައް ވެސް ފުއްސަވައި ދެއްވަވާނދޭވެ!
އަދި އަޅަމެންނަކީ ފާފަކުރެވުމުން ސަލާމަތްކަން ލިބިގެންވާ ބައަކު ކަމުގައި ލައްވަވައިދެއްވަވާނދޭވެ! އެއްވެސް ފާފައެއް ނުކުރުމަށް މިއަޅާ ގަދައަޅައި މަސައްކަތްކުރާނަމެވެ. އަޅާގެ އެ މަސައްކަތަށް މިއަޅާއަށް ސާބިތުކަން ދެއްވަވާނދޭވެ! މިއަޅާ އާއި މިއަޅާގެ ޢާއިލާގެ އެންމެންގެ ފާފަތައް ފުއްސަވައި ދެއްވަވައި އަޅަމެންނަށް އިނބަ ﷲގެ ހެޔޮ ރަހްމަމަތް އިތުރުކޮށް ދެއްވަވާނދޭވެ! ޢާއިލާގައި ތިބި ނިކަމެތިން ފުދުންތެރިކުރައްވަވައި ދެއްވަވާނދޭވެ! ޢާއިލާގައި ތިބި ބަލި އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާނދޭވެ! އާމީން."