ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ ބާޒާރަށް ނެރުމުގައި ލުޔެއް ހޯދުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ރާއްޖޭން މަޝްވަރާކޮށްފިއެވެ.
މިކަމަށް މަޝްވަރާ ކޮށްފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ޔޫރަޕިއަން ކޮމިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާޙިދާއި ކޮމިޝަނަރ މެލްމްސްޓްރޮމް ވަނީ ވިލާތުގެ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ގިންތީގައި 2011 ވަނަ އަހަރު ރާއްޖެ ހިމެނުމުން، އީޔޫގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށުމުން އެކަށީގެންވާ އަގެއް ކަނޑުމަހުގެ ބާވަތްތަކުން ވަނީ ހޯދޭގޮތްނުވެފައެވެ.
މީގެއިތުރުން މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާއި ވެސް ބްރަސަލްސްގައި ބައްދަލުކުރައްވާފައެވެ. މޫސުމީ ބަދަލުތަކާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި، އިންސާނީ ހައްޤުތަކާއި، އިޤްތިޞާދީ ތަރައްޤީއާއި އަދި އެނޫންވެސް ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް ބޭފުޅުންނާއިވެސް މިނިސްޓަރ ޝާޙިދު ވަނީ ބައްދަލުކުރައްވާފައެވެ.