ރާއްޖެއަށް ބޭނުންވަނީ ޢުމަރުގެފާނު ފަދައިން ޢަދުލް އިންޞާފް ޤާއިމުކުރުމަށްޓަކައި އަމިއްލަފުޅު އަތްޕުޅުން އަމިއްލަފުޅު ދަރިކަލުންވެސް ތަޢްޒީރު ކުރައްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް މިމޭރުމުން ވިދާޅުވީ ކޮންމެ މީހަކު ނަމަވެސް ކުށެއް ކޮށްފިނަމަ ވަކިމީހަކަށް ބެލުމެއް ނެތި އަދަބުދެވެން ޖެހޭނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.
ސަލީމް ހަވާލާ ދެއްވާފައި އެވަނީ ޢުމަރުގެފާނުގެ ދަރިކަލުންގެ ތެރެއިން އަބޫ ސަހްމާހްއަށެވެ. އަބޫ ސަހްމާހް މަސްތުގެ ހާލުގައި ހުންނަވައިގެން ޔަހޫދީ އަންހެނަކަސް ގޯނާ ކުރެއްވެވި މައްސލައެއް ޔަހޫދީ އަންހެނަކު ޢުމަރުގެފާނަށް ހުށަހެޅުމުން ގެކޮޅަށް ވަޑައިގެން ދަރިކަލުން ހޯއްދަވައިގެން މިސްކިތަށް ގެންނެވީ ޢުމަރުގެފާނެވެ. ދަރިކަލުން ބަނގުރާ ހިއްޕެވިކަމުގެ ކުށަށް 80 އެތިފަހަރާއި އަންހެން މީހާއަށް ގޯނާ ކުރެއްވީތީ 100 އެތިފަހަރު، ޖުމުލަ 180 އެތިފަހަރުން އެއްފަހަރާ ހައްދު ޖެހުމަށް ޙުކުމް ކުރެއްވެވީވެސް ޢުމަރުގެފާނެވެ.
އަރިއަހުގައި ތިއްބެވި ބޭކަލުން 2 ތަޢްޒީރު އެއްފަހަރާ ކުރެއްވުމުން ލިބިވަޑައިގަންނަވާނެ އަނިޔާއަށް ބައްލަވައި ވަކިވަކިން ހައްދު ޖެއްސެވުމަށް ހުށަހެޅުއްވުމުން އެކަންވެސް ޤަބޫލުފުޅު ނުކުރައްވަވައި ދަރިކަލުންގެ އަތްޕުޅު ބެންނެވުމަށަފަހު، ލެޔާއި މަސް ފައިބަމުން ދިއައިރުވެސް ހޭފުޅު ނެތެންދެން ޙައްދު ޖެއްސެވީވެސް ޢުމަރުގެފާނެވެ.
މިއަދު މަސްތުގެ ހާލުގައި ހުރެ މީހަކު ކޮންމެ ފަދަ ކުށެއް ކުރިނަމަވެސް ފެންނަމުން މިދަނީ މަސްތުވުން ބަހަނާއަކަށް ދައްކައި އެއްވެސް އަދަބެއް ނުދީ ކުށުން ބަރީޢަކުރަމުން ގެންދާތަނެވެ. ހަމަ އެއާއިއެކު ސިޔާސީ ގޮތުން ނުވަތަ އެނޫން ގޮތަކުން ނަމަވެސް ނުފޫޒުގަދަ މީހުން ކުރާ ކުށްތަކަށް އެއްވެސް އަދަބެއް ނުދީ ދޫކުރެވެމުންދާތަނެވެ.
ޢުމަރުގެފާނުގެ ދަރިކަލުންގެ މައްސަލަ ހުށްހެޅުމުން އެއިރު މިސްކިތުގައި ތިބި މީހުންނަށް އަމުރުފުޅު ކުރެއްވެވީ ޝަރީޢަތް ނިންމަވައި އިންޞާފު ޤާއިމުކުރައްވަންދެން މިސްކިތުން ނުނުކުމެ ތިބުމަށެވެ. އަދި މައްސަލަ އެވަނީ ވަގުތުން ނިންމަވައި ޙުކުމް ތަންފީޒުކުރައްވަވައިފައެވެ.
ގުޅުންހުރި ލިޔުމެއް: