އިސްލާމީ ޔުނިވަރސިޓީއެއް ރާއްޖޭގައި ކޮންމެހެންވެސް ހުންނަން ޖެހޭނެ: ޑރ. މުޙައްމަދު ޒާހިރު ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އިސްލާމީ ޔުނިވަރސިޓީއެއް ރާއްޖޭގައި ކޮންމެހެންވެސް ހުންނަން ޖެހޭނެ: ޑރ. މުޙައްމަދު ޒާހިރު ޙުސައިން

އިސްލާމީ ޔުނިވަރސިޓީއެއް ރާއްޖޭގައި ކޮންމެހެންވެސް ހުންނަން ޖެހޭނެ ކަމަށް ރާއްޖޭގައި ދިގުމުއްދަތެއްގައި ތައުލީމީ ވަޒީރުކަން ކުރެއްވި އަދި ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރެއްވި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.  

މަޖިލީހުގެ ކޮމިޓީގައި ޑރ. ޒާހިރު މިއަދު ވިދާޅުވީ ދުނިޔޭގައި މިހާރުވެސް ވަރަށް ގިނަ ތަފާތު ޔުނިވަރސިޓީތައް އެބަހުރިކަމަށެވެ. އެއިގެ ތެރޭގައި ކަނޑުގެ ތަޙްލީލްތައް ކުރާ ޔުނިވަރސިޓީތަކާއި ސައިންސާއި ޓެކްނޮލޮޖީގެ ޔުނިވަރސިޓީތައްވެސް އެބަހުރި ކަމަށެވެ. އަދި އެފަދަ ބައެއް ޔުނިވަރސިޓީތަކުން ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ގުޅިގެން މަސައްކަތްކުރަން ޝައުޤުވެރިކަންވެސް ފައުޅުކޮށްފައިވާ ކަމަށެވެ.  

ޑރ. ޒާހިރު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވާތީ އިސްލާމީ ޔުނިވަރސިޓީ "ޖާމިޢާ އިސްލާމިޔާ" އަކީ ރާއްޖެ އާއި މުސްލިމް ޤައުމުތައް، ރޫޙީ ގޮތުންނާއި ޘަޤާފީ ގޮތުން ގުޅުވައިދޭ ވަސީލަތަކަށް ވާންޖެހޭނެ ކަމަށެވެ. "ދެން ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު އިތުރަށް ވަރުގަދަ ކުރެވޭނެ ބަހުސްތައް އެ ޖާމިޢާ ތެރެއިން ނެރެވޭނެ. މެލޭސިޔާއަށް ބަލާއިރު ފުރަތަމަ އުފެދުނީ އިސްލާމީ ޔުނިވަރސިޓީ. އެއީ އެންމެ ކުރީގަ ރާއްޖެ އެންމެ ފުރަތަމަ ސޮއިކުރި ފަރާތް. އެއިރު ޙިލްމީ އެއީ ސިންގަޕޫރުގަ ހުންނަ ޓްރޭޑް އޮފީހުގަ ހުންނެވި ބޭފުޅެއް. އެއީ ތިނަދޫ ބޭފުޅެއް. އެބޭފުޅާ އަވަހާރަވެއްޖެ މިހާރު. އެބޭފުޅާ ސޮއިކުރައްވާފަ އޮތީ."  

ޑރ. ޒާހިރު ވަނީ ފަހުން މެލޭސިޔާގައި މަހާތީރު ބޭނުންފުޅުވެގެން އިތުރު ޔުނިވަރސިޓީތައް އުފެދުނު ގޮތަށްވެސް ބައްލަވައިލައްވައިފައެވެ.

ޑރ. ޒާހިރު ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީއަށް ދަރިވަރުން ވެއްދުމުގެ ކްރައިޓީރިއާ ވަރަށް ވަރުގަދަކުރަން ޖެހޭނެ ކަމަށެވެ. "އަޅުގަނޑު ޔުނިވަރސިޓީ ދޫކޮށްލިއިރު 14 އިންސައްތަ ދަރިވަރުންނަކީ އޯލެވެލް ފެންވަރު ނެތް ދަރިވަރުން. ވީމާ ދަރިވަރުން ވެއްދުމުގެ އުޞޫލުތައް ހަރުދަނާކުރަން އަންގަންޖެހޭނެ. އޯލެވެލް ނެތި ވަދެ އޯލެވެލް ހަދާ ކުދިންގެ ނިޞްބަތް 10 އިންސައްތަ އަށް ދަށް ކުރެވެން ޖެހޭނެ."  

ޑރ. ޒާހިރުގެ ވާހަކަފުޅު ނިންމަވައިލެއްވީ ވެސް ރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީ ހުންނަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ. 2 ޔުނިވަރސިޓީގެ ބިލް މިހާރު އޮތްގޮތް ރަނގަޅު ކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވިއެވެ.

 

ޑރ. މުޙައްމަދު ޒާހިރު ޙުސައިން ގެ ވާހަކަފުޅު:

 

 

މިއަދު އޮންލައިން