ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދައަށް އެދޭތާ ގަޑިއެއްހައިއިރުގެ ތެރޭގައި ހުއްދަ ދޭނަން: އިސްލާމިކް މިނިސްޓަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދައަށް އެދޭތާ ގަޑިއެއްހައިއިރުގެ ތެރޭގައި ހުއްދަ ދޭނަން: އިސްލާމިކް މިނިސްޓަރ

ދީނީ ނަޞޭޙަތް ދޭން ބޭނުންވެގެން އެދޭތާ ގަޑިއެއްހައިއިރުގެ ތެރޭގައި ހުއްދަ ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޒާހިރު މިއަދު ވިދާޅުވީ ރަށްރަށުގައި ދީނީ ނަޞޭހަތް ދިނުމަށް ހުއްދަ ދޫކުރުމަކީ ޤާނުނުގެ ތެރެއިން ކުރަން ޖެހޭ ކަމެއް. އެކަން ކުރަން ޖެހޭ 2 ސަބަބެއް އޮވޭ. އެއް ސަބަބަކީ ކައުންސިލުގެ ސިޔާސީ ފިކުރު ތަފާތުވުން. އެއް ބައަކު ވަކިޢިލްމުވެރިއަކު ލައްވައި ދަރުސް ދޭން ބޭނުންވާއިރު އަނެއް ބައަކު އެ އިލްމުވެރިއަކު ލައްވައި ދަރުސް ދޭން ބޭނުން ނުވުމުގެ މައްސަލަތައްވެސް އެބަ ކުރިމަތިވޭ." 

ޑރ. ޒާހިރު ވިދާޅުވީ މިފަދަ ސަބަބުތައް ކުރިމަތިވާތީ އެންމެ ރަނގަޅު ގޮތަކީ ދީނީ ނަޞޭޙަތް ރަށެއްގައި ދޭނަމަ ކައުންސިލް މެދުވެރިވެގެން އެކަން އިސްލާމިކް މިނިސްޓްރީއަށް އެންގުން ކަމަށެވެ. އަދި ޢިލްމުވެރިއަކު މިނިސްޓްރީގައި އެދިވަޑައިގެންނެވި ނަމަވެސް ރަށުގެ ކައުންސިލާއި ގުޅިގެން އެކަން ހަމަޖައްސައިދޭން އިސްލާމިކް މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށެވެ. 

"އަޅުގަނޑުމެން މިސްކިތްތައް ބަލަހައްޓަމުން މިގެންދަނީ ކައުންސިލްތައް މެދުވެރިކޮށްގެން. އެހެންވީމާ މިސްކިތްތަކުގައި ކަމެއް ކުރާނަމަ ކައުންސިލްތަކަށް އެނގެން ޖެހޭނެ. ނޫން ނަމަ ކައުންސިލްތަކުން ސުވާލު އުފައްދާނެ. ވީމާ އެންމެ މަޞްލަހަތު ރަނގަޅު ގޮތަކީ އެއީ."

ޑރ. ޒާހިރު ވިދާޅުވީ މިއަށްވުރެ ލުއި ގޮތްތައް ހަމަޖައްސަން ވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ދީނީ ޢިލްމުވެރިންނާއި އަދި ކައުންސިލްތަކާއިއެކު ވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

 

މިއަދު އޮންލައިން