ވެރިކަން ބަދަލުވިއިރު ނަމާދު ނުކުރެވޭ ހާލުގައިވެސް ބައެއް މިސްކިތްތައް ހުރި: އިސްލާމިކް މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ވެރިކަން ބަދަލުވިއިރު ނަމާދު ނުކުރެވޭ ހާލުގައިވެސް ބައެއް މިސްކިތްތައް ހުރި: އިސްލާމިކް މިނިސްޓަރު

މިދިއަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވިއިރު ނަމާދު ނުކުރެވޭ ހާލުގައިވެސް ބައެއް މިސްކިތްތައް ހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޒާހިރު މިއަދު ވިދާޅުވީ ވަގުތީ މީހުންގެ މައްސަލަ އާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަކީ މިނިސްޓްރީއާއި ހަވާލުވެވަޑައިގެންނެވިއިރު ވަރަށް ބޮޑަށް ކުރިމަތިވެވަޑައިގެންނެވި މައްސަލައެއް ކަމަށެވެ. 

"ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފަ އޮތީ. ބައެއް މިސްކިތްތައް ހުރީ ނަމާދުވެސް ނުކުރެވޭ ޙާލަތުގަ. ބައެއް ރަށްރަށުގެ މިސްކިތަކުގަ ހިނގައިލާއިރަށް ތަށިމުށިތައް ދަނީ ނައްޓަނައްޓައިގެން.. ކާޕެޓް އަޅާފަ ހުރުމުން ތަށިމުށިތައް ވަކިނުވެ ހުންނަނީ. ސީލިންގ ވެއްޓިފައި ހުރި މިސްކިތްތައްވެސް އެބަހުރި. ވީމާ މަރާމާތު ކުރަން ހުރި ވަރަށް ގިނަ މިސްކިތްތައް އެބަހުރި. އެކަމަސް ބޮޑެތި ޚަރަދުތައް ކުރަންޖެހޭނެ. ފައިސާގެ ދަތިކަން އެބަހުރި." 

މިނިސްޓަރު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމުގެ ކަންކަން ކައުންސިލްތަކާއި ހަވާކުރެވުނުއިރުވެސް މަރާމާތުތަކަށް ބޭނުންވާ ފައިސާ ޙަވާލުކުރެވިފައިވާ ނުވާ ކަމަށާއި އެކަން ކުރެވޭނެ ގޮތެއް ހޯދައި މައްސަލަތައް ޙައްލުކުރަން މިނިސްޓްރީން ސަރުކާރާއިއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް ބެލެހެއްޓުމުގެ އުޞޫލަށް މިހާރު ގެނެވިފައިވާ ބަދަލާއިއެކު ފައިސާގެ ކަންކަމުގައި ކައުންސިލްތަކުން ސީދާ ފިނޭންސް މިނިސްޓްރީ އާއިއެކު މަޝްވަރާ ކޮށްގެން ކަންކަން ކުރެވޭނެ ކަމަށެވެ. އަދި މިސްކިތްތައް ބަލަހައްޓާ މުވައްޒިފުން މިހާރު ތިބޭނީ ކައުންސިލުތަކުގެ މުވައްޒިފުންގެ ގޮތުގައި ކަމަށާއި އަދިވެސް އިމާމުން ހަމަޖައްސާނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. ވަގުތީ އިމާމުން ތިބި މިސްކިތްތަކަށް ވަރަށް އަވަހަށް ދާއިމީ އިމާމުން ހަމަޖެހިގެންދާނެ ކަމަށެވެ.

 

މިއަދު އޮންލައިން