ލަންކާގެ މިސްކިތްތަކުގައި މާދަމާ ހުކުރުކުރުމުގެ ބަދަލުގައި މެންދުރު ނަމާދުކުރަން ނިންނައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ލަންކާގެ މިސްކިތްތަކުގައި މާދަމާ ހުކުރުކުރުމުގެ ބަދަލުގައި މެންދުރު ނަމާދުކުރަން ނިންނައިފި

ލަންކާގެ މިސްކިތްތަކުގައި މާދަމާ މެންދުރު، ހުކުރުކުރުމުގެ ބަދަލުގައި މެންދުރު ނަމާދުކުރަން ނިންނައިފި އެވެ. މިއަދުނޫހަށް މައުލޫމާތު ދެއްވި ލަންކާ މުސްލިމް ޖަމާއަތުގެ އިސް ބޭފުޅަކު ވިދާޅުވީ މިފަދަ ނިންމުމެއް ނިންމީ ގިނަ ބައަކު އެއްތަނަކަށް އެއްވެއްޖެ ނަމަ ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތުމުން ކަމަށެވެ. 

"އެހެންވެ އަހަރެންވެސް މާދަމާ މެންދުރު ނަމާދުކުރާނީ ގޭގަ. ބައެއް ގޭގޭގަ ހުކުރުވެސް ކުރާނެ. ނަމަވެސް އެކަން ޢާންމެއް ނުކުރާނެ. އަހަރެމެން މިހާރު މިތިބީ ހަނގުރާމައިގެ ބިރުވެރިކަމެއްގެ ތެރޭގަ. ވީމާ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ. އެއީ އިސްލާމް ދީނުގައި އޮތް ގޮތް." ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ލަންކާގެ ދީނީ ޢިލްމުވެރިންގެ ޖަމިއްޔާ އިންވެސް ވަނީ މާދަމާ ހުކުރަށް ދިއުމުގެ ބަދަލުގައި ގޭގައި މެންދުރު ނަމާދުކުރުމަށް ފަތުވާ ނެރެފައެވެ. އެހެންކަމުން އޭނާ ވިދާޅުވީ ލަންކާގައި ތިބި ދިވެހިންވެސް މިކަމަށް ސަމާލުކަން ދީ ޢިލްމުވެރިންގެ ޖަމިއްޔާއިން ނެރެފައިވާ ފަތުވާއަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

މިއަދު އޮންލައިން