ރާއްޖޭގައި މިހާރު ވެރިކަންކުރާ ސަރުކާރު ވެރިކަމަށް ގެނައީ ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އެހެންކަމުން ސަރުކާރަށް އިޚްލާޞްތެރީ ވަކިޕާޓީއެއްގެ މެންބަރުން ކަމަށް ބުނެވިގެން ނުވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަނާރާ ވިދާޅުވީ އަދާލަތު ޕާޓީން މަޖިލީހަށް ކުރިމަތިލާފައިވާ މެންބަރުން ވެސް މަސައްކަތް ކުރާނީ ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށާއި އަދި ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންވެސް މަސައްކަތްކުރާނީ ޤާނޫނު އަސާސީ އާއި ޚިލާފް ނުވާ ކޮންމެ ކަމެއްގައިވެސް ސަރުކާރަށް އެއްބާރުލުންދީ ސަރުކާރު ދަމަހައްޓަން ކަމަށެވެ.
އަނާރާ ވަނީ ސަރުކާރަށް އިޚްލާޞްތެރިވާނީ ހަމައެކަނި ވަކިޕާޓީއެއްގެ މެންބަރުންކަމަށް ބުނެ ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުވައި ނުލުމަށް ގޮވާލައްވައިފައެވެ.