ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް މުޅި ރާއްޖޭގައި ޖުމްލަ 106 ކަނދުފަތި ޤާއިމުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 52 ދޮށީ ކަނދުފައްޗާއި 54 ވަދު ކަނދުފައްޗެވެ.
މި ސަރުކާރުން މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފަތި އަޅާފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މި މިންވަރަށް ކަނދުފަތި ނާޅާ މިންވަރެއް ކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބަޔާންކުރެއެވެ. މީގެ އިތުރުން، މި ހިނގާ މަހުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު 5 ދޮށީ ކަނދުފައްޗާއި 2 ވަދު ކަނދުފަތި ވަނީ އަޅާފައެވެ.
ކަނދުފަތިތައް އެޅުމުގައި ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާއިރު، ފާއިތުވި 40 އަހަރު ދުވަހު ބޭނުންކުރަމުން އައި ބާ ޑިޒައިންގެ ބަދަލުގައި މިހާރު ވަނީ އައު ޑިޒައިނެއް ތަޢާރަފުކޮށްފައެވެ. މި އައު ޑިޒައިނުގެ ސަބަބުން ކަނދުފަތިތައް އަވަހަށް ކަނޑައިގެންދާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މުޅި ރާއްޖޭގައި ވަދު ކަނދުފަތީގެ ފުރިހަމަ ވިއުގައެއް ޤާއިމުކުރުމަށެވެ. އެގޮތުން، މި މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.