ޤުދުސްގެ ޙައްޤުގައި އަދި އެ މާތް ބިމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިސްލާމީ ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލެއްވީ ޤުދުސްގެ ޙައްޤުގައި ޢަރަބި އިސްލާމީ ޤައުމުތަކުގެ ވަޒީރުން ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ޤުދުސްއަކީ ހަމައެކަނި އެޖެންޑާގައި އޮތް ކަމަކަށްވުރެ ބޮޑަށް މުސްލިމުންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ މާތް ބިމެއްކަން ފާހަގަކުރައްވައި، އެތަނުގެ ރައްކާތެރިކަމަކީ ދެމެހެއްޓެނިވި އަމާންކަމެއް ޤާއިމުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ޤުދުސްގައި މިއަދު ހިނގަމުންދާ ކަންކަމަކީ އެތަން މާދަމާ ބައްޓަންވެގެންދާނެ ގޮތްކަން ބަޔާންކުރައްވަމުން، ފަލަސްޠީނުގެ ރައްޔިތުންނާއި، ޤުދުސް އަދި މުޤައްދަސް ތަންތަން ވީރާނާކޮށް ހަލާކުކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އަލްއަޤްޞާ މިސްކިތުގައި ތަކުރާރުވަމުންދާ ހަމަނުޖެހުންތަކާއި، ޔަހޫދީން ވަޒަންވެރިކުރުވުމާއި، ފަލަސްޠީނުގެ ޢާއިލާތައް ގެދޮރުން ނެރުމުގެ ޖަރީމާތަކަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތަކީ ސާފު ސިޔާސަތެއް ކަމަށާއި، އެ ބިމުގައި މިހާރު ހިންގަމުންދާ އެންމެހައި ޖަރީމާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފަށް ޤުދުސްގައި ޔަހޫދީން ވަޒަންވެރިކޮށް ހިންގާ ޖަރީމާތަކުގެ ސަބަބުން އެތަނުގެ މާތްކަމާއި މުޤައްދަސްކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފަލަސްޠީނުގައި ހިނގަމުންދާ ޖަރީމާތައް ހުއްޓުވުމަށާއި ބައިތުލް މަޤްދިސް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤުދުސް ޙިމާޔަތްކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ މުސްތަޤުބަލު އަމިއްލައަށް ޚިޔާރުކޮށް ކުރިއަށްދިޔުމުގެ ފުރިހަމަ މިނިވަންކަން ލިބިދިނުމެވެ. އަދި ފަލަސްޠީނުގެ ދައުލަތް ޤަބޫލުކުރާ މިންވަރު ބައިނަލްއަޤުވާމީ ދުނިޔޭގައި އިތުރުކުރުމަށާއި، އދ.ގެ ފުރިހަމަ މެމްބަރު ޤައުމަކަށް ފަލަސްޠީނު ހެދުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޔަހޫދީން ވަޒަންވެރިކުރުވުމަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް އިތުރުކުރުމަށް އިސްލާމީ ޤައުމުތަކަށް ވަޒީރު ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ފަލަސްޠީނުގެ ބިންތަކުން ރައްޔިތުން ނެރެ ޔަހޫދީން ވަޒަންވެރިކުރުވުމާ ދެކޮޅަށް އިނގިރޭސިވިލާތް، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، އައިސްލޭންޑް، އަޔަރލޭންޑް، ނޯރވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން ފަދަ ޤައުމުތަކުން ތެދުވި ތެދުވުން ފާހަގަކުރައްވައި މަރުޙަބާ ދަންނަވާފައެވެ. އަދި އެފަދައިން ޣައިރުޤާނޫނީ ގޮތުގައި ވަޒަންވެރިވާ ޔަހޫދީންނާ މެދު އެ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށްވެސް ރާއްޖޭގެ ފަރާތުން ވަނީ މަރުޙަބާ ވިދާޅުވެފައެވެ.