ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެއް: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެއް: ފުލުހުން

ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހަނދާންކޮށްދީފިއެވެ.

ފުލުހުން ބުނީ 30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނެ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

މީގެއިތުރުން، މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން