ރާއްޖޭގެ 3 ސަރަޙައްދެއްގައި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކެއް ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރާއްޖޭގެ 3 ސަރަޙައްދެއްގައި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކެއް ޤާއިމުކުރަނީ

އިޖުތިމާޢީ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގެ ތިން ސަރަޙައްދެއްގައި މަރުކަޒުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކުރާ މި މަރުކަޒުތައް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން އުތުރުން ރ. އުނގޫފާރާއި ދެކުނުން އައްޑޫ ސިޓީގައެވެ.

މީގެތެރެއިން އައްޑޫ ސިޓީގައި އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަހަރުގެ ތެރޭގައި ވަނީ އިޢުލާނުވެސް ކޮށްފައެވެ. މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަރުކަޒުތަކުން ފޯރުކޮށްދޭނެ ޚިދުމަތްތަކާ ގުޅޭގޮތުން އަލިއަޅުވާލައްވަމުން ވަޒީރު ޤީލާ ވިދާޅުވީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި މާލީ އެހީތެރިކަން އެ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެފަދަ އާއިލާތަކުގައި ދަރިން ތިބިނަމަ، އެ ކުދިންގެ އުނގަންނައިދިނުމާއި ސްކޫލް ކަންކަން ހަމަޖައްސައިދީ، އާންމު ދިރިއުޅުން އާރާސްތުކުރުމަށް ބޭނުންވާ އެންމެހާ ކަންކަމަށް މަގުފަހިކޮށްދެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން