ދަރިން ޒިނޭކުރާކަން އެނގި ތިބެ ނުހުއްޓުވާނަމަ ފާފައިން މައިން ބަފައިންނަށް ބައި އެޅޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދަރިން ޒިނޭކުރާކަން އެނގި ތިބެ ނުހުއްޓުވާނަމަ ފާފައިން މައިން ބަފައިންނަށް ބައި އެޅޭނެ!: މުފްތީ މެންކް

ބައެއް ފަހަރު ކުރިމަތިވާ ކަމެކެވެ. އަންހެން ދަރިފުޅު ގުޅެން އުޅެނީ މުއްސަނދި ފިރިހެން ކުއްޖަކާއި ކަމަށްވާނަމަ ޒިނޭކުރި ނަމަވެސް މައިން ބަފައިން އަޅައެއް ނުލައެވެ. ކޮޓަރި ތަޅުލައިގެން ކިތަންމެ ގިނަ އިރަކު އުޅުނު ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ކަނޑައެޅިގެން ޒިނޭ ކުރާކަން އެނގޭއިރުވެސްމެއެވެ. ދެކުދިން އެކުގައި ދުރު ރަށްތަކަށް، ބޭރު ޤައުމުތަކަށްވެސް ފޮނުވައެވެ. 

މިއީ މައިން ބަފައިން ކުރާ ވަރަށް ބޮޑު ފާފައެކެވެ. ދަރިންނަށް މިފަދަ ކަންކަން ކުރަން ފުރުޞަތު ދޭނަމަ އެކުދިން ކުރާ ފާފައިން ތިބާއަށް ބައި އެޅޭނެއެވެ. އެއީ ޔަޤީން ކަމެކެވެ. އެހެނީ އެކަން ވާނީ ތިބާ ކުރުވާ ކަމަކަށެވެ. އެ ޒިންމާއިން ބަރީޢަ އެއް ނުވެވޭނެއެވެ. އިސްލާމް ދީނުގައި އޮތީ މުއްސަނދިން ޒިނޭކުރުމުން އަޒާބު ނުދެއްވަވާ ގޮތަކަށް ނޫނެވެ. އިސްލާމް ދީނުގައި ހައްދުތައް ޤާއިމުކުރަން ޖެހެނީ މީހާގެ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. އެންމެހައި މީސްތަކުންނަށް އޮތީ އެއް ޙުކުމެކެވެ. 

މިސާލަކަށް ކޮލެޖު ނުވަތަ ޔުނިވަރސިޓީގައި ކިޔަވަމުން ދެކުދިން ގުޅިދާނެއެވެ. ނަމަވެސް ކޮލެޖު ނިންމަންދެން ކައިވެނި އެބަ ލަސްކުރެއެވެ. ކޮލެޖު ނިމެން 2 އަހަރު އޮވެދާނެއެވެ. 2 އަހަރުވަންދެން ކުދިން، އެކުދިން ކުރަން ބޭނުންވާ ކަންކަން ނުކޮށެއް ނުތިބެއެވެ. އެހެންކަމާއިއެކުވެސް ދަރިންނަށް ހުރިހާ ފުރުޞަތުތަކެއް ދޭނަމަ މިކުރެވެނީ ކިހައި ބޮޑު ފާފައެއް ހެއްޔެވެ؟ 2 އަރުވަންދެން ކުދިން ކުރާ ފާތަކުގެ ޒިންމާ އުފުލުމަކީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ކަންކަމަށް ބިރުވެތިވާށެވެ! ކޮލެޖުގައި ތިބެގެން ނަމަވެސް ދެ ކުއްޖަކު ގުޅިއްޖެ ނަމަ ދޭންވީ ޒިނޭކުރުމުގެ ފުރުޞަތެއް ނޫނެވެ. އަވަހަށް ކައިވެނިކޮށްދޭންވީއެވެ. ކައިވެނިކޮށްދީ ޒިނޭކުރުމުގެ ފުރުޞަތު ނުދީ ޒިނޭ ކުރުމުގެ ފާފައިން 2 ކުދިން ސަލާމަތް ކުރުވާށެވެ! އަދި އެކަން ކުރުވުމުގެ ފާފައިން ތިބާވެސް ސަލާމަތްވާށެވެ!   

ބައެއް މައިން ބަފައިންނަށް މިފަދަ ކަންކަން ނުވެސް ވިސްނެނީއެވެ. ބާލިޣްވުމުން ދީނުގެ ހައްދުތައް އަރާނެކަން ނުއެނގެނީއެވެ. ވީމާ ހޭލުންތެރިވާށެވެ! ކައިވެނިކޮށްގެން ނޫނީ ދަރިފުޅާއިއެކު ކޮޓަރިއަށް ނުވަދެވޭނެ ކަމަށް ބުނުމުން މިލިއަނަރުގެ ދަރިފުޅު ހިތްހަމަނުޖެހި ދަރިފުޅާއި ވަކިވުމުން ލިބޭނެ ގެއްލުމަށްވުރެ ދެކުދިން ޒިނޭ ކުރުމުން ދެކުދިންނަށް ލިބޭނެ އަޒާބާއި ޒިނޭ ކުރުވުމުން ތިމާއަށް ލިބޭނެ އަޒާބު މާބޮޑުވާނެ ކަމަށް ވިސްނާށެވެ! 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މުއްސަނދިކުއްޖަކާއި ގުޅުމުން ހުރިހާ ފުރުޞަތުތަކެއް ދީގެން އުޅެނިކޮށް ދަރިފުޅު ދޫކޮށްލާފައި ހިނގައިދާނެއެވެ. ފަހުން އެއަށްވުރެ ފަޤީރު ކުއްޖަކާއި ގުޅިދާނެއެވެ. އެދުވަހު ހުރިހާ ކަމެއް މަނާކުރަން އުޅެފާނެއެވެ! ނިކަން ބުނެބަލާށެވެ! އެދުވަހު ދަރިފުޅު މައިން ބަފައިންގެ ބަސް އަޑުއަހާނީ ކިހިނަކުން ހެއްޔެވެ؟ އަޑު އެހޭނެ ހެއްޔެވެ؟ ވީމާ ޙަރާމް، އަބަދުވެސް ޙަރާމް ކަމަށް ބަލައިގަންނަން ޖެހޭނެއެވެ. 

- މުފްތީ މެންކުގެ ދަރުހަކުން

މިއަދު އޮންލައިން