ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް އަޅުގަނޑުމެން ވިއްކަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް އަޅުގަނޑުމެން ވިއްކަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން: ރައީސް ޞާލިޙް

ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެއިން ވިއްކަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ކަމަށް ވިދާޅުވެ ރާއްޖޭގައި އަމާންކަމާއި ޞުލްޙަމަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަ ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވާހަކަފުޅު ދެއްކެވީ "ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގ ޕީސް އެންޑް ސެކިއުރިޓީ" ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ޞުލްޙައަށް ލޯބިކޮށް، އެކުވެރިކަމާއި އޯގާތެރިކަމާއެކު ދިރިއުޅެމުން އައި ބައެއް ކަމަށާއި އަޅުގަނޑުމެންގެ މެދުގައި ނަސްލީ ތަފާތުތަކެއް ނެތްކަމަށެވެ. އަދި ސަގާފީ ފުށުއެރުމެއް، ޢަޤީދާގެ ބައިބައިވުމެއް ވެސް ނެތް ކަމަށެވެ. ހަމައެފަދައިން މޮށެއުޅޭ ބަހުގެ ތަފާތުތަކެއްވެސް ނެތް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖޭގެ އައިޑެންޓިޓީއަކީވެސް، މި ރާއްޖޭގެ ޞުލްޙަމަސަލަސްކަން ކަމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް އަޅުގަނޑުމެން ވިއްކަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ކަމަށާއި ދޮންވެލީގެ ގޮނޑުދޮށްތަކުގެ ސާފުކަމަށްވުރެވެސް، ސާފު ހިތްތަކެއްގެ ވެރި ބައަކު ދިރިއުޅޭ ޖަޒީރާތަކެއްގެ ގޮތުގައި ކަމަށެވެ.

"މިއަދުވެސް ޙަޤީޤަތަކީ އެއީ. އަޅުގަނޑުމެން އެންމެންވެސް އެދެނީ، ޞުލްޙަމަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެން. ސަރުކާރުން ކުރާ ކޮންމެ ކަމަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލުކޮށްދިނުން." ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ޞުލްޙަޔާއި ސަލާމަތްތެރިކަން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް، އެންމެ މަތީ ފެންވަރުގައި ބާއްވާ މި ބައްދަލުވުމަކީ، ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށާއި އެހެންކަމުން، މި ބައްދަލުވުން އިންތިޒާމު ކުރެއްވި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރީންނަށް ޝުކުރު ދަންނަވާކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން