އަމާންކަމާ ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބާ ފަރުދާގެ ފުރަގަހުގައި ނުރައްކާތައް އަންނަނީ އުފެދެމުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
އަމާންކަމާ ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބާ ފަރުދާގެ ފުރަގަހުގައި ނުރައްކާތައް އަންނަނީ އުފެދެމުން: ރައީސް ޞާލިޙް

އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބައި، ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވީ "ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގ ޕީސް އެންޑް ސެކިއުރިޓީ"ގެ ނަމުގައި މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވީ އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދެން ފަށާފައި ކަމަށެވެ.

"އޭގެ ނަތީޖާ، އަޅުގަނޑުމެންނާ ދެގޮތަކުން އެބަ ބައްދަލުކުރޭ. އެއްގޮތަކީ، ޞައްޙަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެން ދިޔުން. އަނެއްގޮތަކީ، ކަމުގެ ނުރައްކާތެރިކަމާމެދު ވިސްނައިލުމެއްނެތި، އިސްލާމްދީނަށް ކުޑައިމީސް ކުރެވޭފަދަ ޚިޔާލުތައް ފާޅުކުރުން."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަޅުގަނޑުމެން ކިތަންމެ ދައްކަން ބޭނުންނުވި ނަމަވެސް މިއީ ޤައުމީ ފެންވަރުގައި މިކަންކަމާމެދު މަޝްވަރާކޮށް، ދާއިމީ ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ 35 އިންސައްތައަށްވުރެ ގިނައީ، އުމުރުން 35 އަހަރުން ދަށުގެ ޒުވާނުން ކަމަށާއި އެ ޒުވާނުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

"ޒުވާނުންނާމެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. ތަޢުލީމީ މަރުޙަލާތައް ފުރިހަމަކުރަމުން އަންނައިރު، ކޮންމެ ޒުވާނަކީވެސް އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ޚުލްޤު ހެޔޮ ޒުވާނެއް ކަމުގައި ހެދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް.

ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއް. މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިފަދަ ޢަމަލުތަކުގެ ސަބަބުން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދައިން، އިޖްތިމާޢީ ގޮތުން ލިބޭ ގެއްލުންވެސް އެހާމެ ބޮޑު ކަމަށެވެ. "މުޖްތަމަޢުގެ ޞުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭފަދަ، ހަރުކަށި ޢަމަލުތަކަށް ހިތްވަރު ދިނުމަކީ، އެއްވެސް ބައެއްގެ މަޞްލަޙަތު ހުރި ގޮތެއް ނޫން. އެހެންކަމުން، ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން."

"އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި އޮންނަނީ، އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުންނުދާ ކޮންމެ ތަނަކީ، ޞުލްޙަ ޤާއިމުވެފައި އޮތް ތަނެއް ކަމަށް. ނަމަވެސް ޙަޤީޤީ ޞުލްޙައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީ.

ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އުފާވެރި ޞުލްޙަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް. އެހެންކަމުން، މި ރާއްޖޭގެ ކޮންމެ ޖަޒީރާއަކީ، ތިމާގެ އަމިއްލަ ތަނެއް ކަމަށް ދެކި، އެ އަމާނާތަށް ވަފާތެރި ތެދުވެރި ބަޔަކު ކަމުގައި އަޅުގަނޑުމެން ވަމާތޯ!

އަޅުގަނޑުމެން ދޭދޭ ފަރުދުންގެ މެދުގައި، މި ދެންނެވި ޞުލްޙަވެރިކަން ޤާއިމުނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ޞުލްޙައެއް ނޯންނާނެ. ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ ތަންތަނުން ފެންނަމުން އެ ދަނީ މި ދެންނެވި ޙަޤީޤަތް." ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން