ގޯތިގެދޮރުގެ ދަތިކަމާ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން: ހިންނަވަރު ކައުންސިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގޯތިގެދޮރުގެ ދަތިކަމާ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން: ހިންނަވަރު ކައުންސިލް

ގޯތިގެދޮރުގެ ދަތިކަމާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމުގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.

ފާދިއްޕޮޅު ހިންނަވަރު ކައުންސިލް މެންބަރުން މިމޭރުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާފައިވަނީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހިންނަވަރު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ފުޓުބޯޅަދަނޑާއި ޒުވާނުންގެ މަރުކަޒު އިތުރަށް ތަރައްޤީކުރަން ރަށުގެ ޒުވާނުން ބޭނުންވެފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ވަނީ ފެރީގެ ނިޒާމު ހަރުދަނާކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށާއި ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި މީގެއިތުރުން ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލެއްވުން ދެއްވައި، ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން