އެދޭ ކަންކަން ޙާޞިލު ނުވުމުން ﷲ ތިމާ ދޫކޮށްލައްވަވައިފިކަމަށް ޤަބޫލުކުރެވިއްޖެ ނަމަ ޟުޙާ ސޫރަތަކީ ޝިފާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އެދޭ ކަންކަން ޙާޞިލު ނުވުމުން ﷲ ތިމާ ދޫކޮށްލައްވަވައިފިކަމަށް ޤަބޫލުކުރެވިއްޖެ ނަމަ ޟުޙާ ސޫރަތަކީ ޝިފާއެއް!

ﷲ ތަޢާލާ ތިމާ ދޫކޮށް ލައްވަވައިފިކަމަށް ޤަބޫލުކުރެވުމަކީ ވަރަށް ގިނަ ފަހަރަށް ކުރިމަތިވާ ކަމެކެވެ. އެމީހާ ކުރާ ދުޢާ އިޖާބަ ކުރެއްވެވުން ލަސްވާނަމަ، އެދޭ ގޮތްތައް މެދުވެރި ނުވާނަމަ، ނުވަތަ ޙާޞިލުކުރަން ބޭނުންވެގެން މަސައްކަތް ކުރާ ކަންކަން ޙާޞިލު ނުކުރެވޭނަމަ މިފަދަ ވިސްނުންތައް އައުމަކީ ވަރަށް ޢާންމު ކަމެކެވެ. 

އަހަރެމެން އެންމެ އާދައިގެ އިންސާނުންނަށް މިކަން މެދުވެރިނުވާންވީ ކީއްވެގެން ހެއްޔެވެ؟ މިއީ މީސްތަކުންގެ ތެރެއިން އެންމެ މާތްކުރެއްވެވި ސާޙިބާ، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށްވެސް ކުރިމަތިވެވަޑައިގެންނެވި މައްސަލައެކެވެ. 

އެއްވެސް ވަޙީއެއް ލިބިވަޑައިނުގެން، ޖިބްރީލްގެފާނާއިވެސް ބައްދަލުވެވަޑައިނުގެން، އަދި އެފަދަ ހުވަފެންފުޅެއްވެސް ފެނިވަޑައިނުގެން 6 މަސްދުވަސް ފާއިތުވެގެން ދިއުމުން ﷲ ތަޢާލާ ތިމަން ރަސޫލާ (ޞޢވ) ދޫކޮށް ލެއްވެވީކަމަށް އިތުރު މާތް ނަބިއްޔާ (ޞޢވ) އަށްވެސް ޤަބޫލުފުޅު ކުރެއްވެވުނެވެ. އެކަމުގެ މާޔޫސްކަން ލިބިވަޑައިގެން އިންތިހާއަށް ހިތާމަފުޅު ކުރެއްވެވިއެވެ. 

ޟުޙާ ސޫރަތަކީ އެކަމާއި ގުޅިގެން ބާވައިލެއްވެވި ސޫރަތެކެވެ. އެ ސޫރަތް ބާވައިލެއްވެވުމުން ލިބިވަޑައިގެންފައިވާ މާޔޫސްކަން އެކުގައި ފިލައިގެން ދިއައެވެ. ﷲ ތަޢާލާ އިތުރު ސާޙިބާ (ޞޢވ) ދޫކޮށް ނުލައްވަވާކަން ބަޔާން ކުރެއްވެވުމުންނެވެ.

މީސްތަކުންނޭވެ! މިކަމުގައި ވިސްނައިލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ އެޙާލަތުގައިވެސް ރަސޫލް (ޞޢވ) ހުންނެވީ ﷲ ތަޢާލާއަށް އުންމީދުކުރައްވަވައިގެންނެވެ. އަޅުކަން ކުރެއްވެވުމުގައި ސާބިތުވެވަޑައިގެންނެވެ. މެދުކެނޑުމެއް ނެތި ގެންދެވީ ﷲ ތަޢާލާއަށް ދުޢާ ކުރައްވަވަމުންނެވެ. 

އަހަރެމެންނަށް މިވާގޮތަކީ އެދޭ ކަމެއް ޙާޞިލްވުން ކިރިޔާ ލަސްވާއިރަށް މާޔޫސްކަން ބޮޑުވެ ﷲ ތަޢާލާ އާއި ދުރަށް ޖެހެވެނީއެވެ. އުންމީދު ކަނޑައިލެވެނީއެވެ. ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއްވެސް ނެތްކަމަށް ޤަބޫލު ކުރެވެނީއެވެ. އެންމެފަހުން ޑިޕްރެޝަނަށް ގޮސް އަތުން ފައިން ގޯސް ހެދެނީއެވެ. 

އަހަރެންގެ ނަޞޭޙަތަކީ އެބާވަތުގެ މާޔޫސްކަމެއް ލިބިއްޖެނަމަ ޟުޙާ ސޫރަތް ކިޔަވާށެވެ. މާނައަށް ވިސްނާށެވެ. ތަފްސީރުވެސް ކިޔައި ސޫރަތް ފުރިހަމައަށް ދެނެގަންނާށެވެ! ހުރިހާ މާޔޫސްކަމެއް ފިލައިގެންދާނެއެވެ! އިން ޝާ ﷲ! 

ޟުޙާ ސޫރަތުގެ އެންމެ ފަހު ޢާޔަތަކީ މާޔޫސްވެގެން އުޅޭ މީހުން ގިނަގިނައިން ކިޔައި މާނަ ހިތަށް ގެނައުން ވަރަށް މުހިންމުކަން ބޮޑު ޢާޔަތެކެވެ. "އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ދެއްވެވި ނިޢްމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަފުޅު ދައްކަވައި އުޅުއްވާށެވެ!"

މިހެން މިބުނީ ކަންތައްތަކެއް ނުކުރެވިގެން، ޙާޞިލު ނުވެގެން ކަންބޮޑުވާ މީހާއަށް ވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކެއް ވާނެއެވެ! އެއްވެސް މީހަކީ ﷲ ތަޢާލާގެ ނިޢްމަތްތަކުން އެކުގައި ދުރުކުރެވިފައިވާނެ މީހެއް ނޫނެވެ. ހަމަ އެކަނި މައްސަލައަކަށް މިވަނީ އިތުރަށް އެދޭ ކަންކަން ޙާޞިލު ނުވުމެވެ. މިއާޔަތުން އެނގެނީ ދައްކައި އުޅެންވީ ނުލިބިވާ ނިޢްމަތްތަކުގެ ވާހަކަ ނޫންކަމެވެ. ލިބިފައިވާ، ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކުގެ ވާހަކަ ކަމެވެ. އެހެންކަމުން މިއާޔަތުގައިވާ ފަދައިން ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުގެ ވާހަކައިން ވާހަކަ ދައްކައި އުޅޭ މީހާ، އެއްވެސް ކަމެއް އިތުރަށް ޙާޞިލު ނުކުރެވިގެން މާޔޫސްއެއް ނުވާނެއެވެ!

މިއަދު އޮންލައިން