ޝަރީޢަތްތައް ހުޅުވާލުމަކީ، ފަނޑިޔާރުގޭގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން. އެއީ އިންޞާފު ހޯދަންދާ މީހާ އާ މުޅި މުޖްތަމަޢުގެ ޙައްޤެއް: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ޝަރީޢަތްތައް ހުޅުވާލުމަކީ، ފަނޑިޔާރުގޭގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން. އެއީ އިންޞާފު ހޯދަންދާ މީހާ އާ މުޅި މުޖްތަމަޢުގެ ޙައްޤެއް: ރައީސް ޞާލިޙް

ޝަރީޢަތްތައް ހުޅުވާލުމަކީ، ފަނޑިޔާރުގޭގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން ކަމަށާއި އެއީ އިންޞާފު ހޯދަންދާ މީހާ އާއި މުޅި މުޖްތަމަޢުގެ ޙައްޤެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

"ޤަޟާއީ އަހަރު 2019" އިފްތިތާޙް ކުރުމަސް މިރޭ ދަރުބާރުގޭގައި ބޭއްވި  ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޝަރީޢަތްތައް ހިންގާންވާނީ، ޢާންމުކޮށް ހުޅުވާލައިގެން ހާމަކަމާއެކު ބާއްވާ އަޑުއެހުންތަކެއްގައި ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ބުނެފައި އެ އޮންނަނީވެސް މި ސަބަބަށްޓަކައި ކަމަށާއި އެކަން ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތަށް ތަންފީޒުކުރެވެން ޖެހޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިރާއްޖޭގައި މިއޮތީ ރައްޔިތުންގެ ފަރާތުން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް ކަމަށާއި ޤާނޫނުއަސާސީ އެކުލަވައިލާފައި އޮތީވެސް، ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށް ކަމަށެވެ. އެހެންކަމުން، ފަނޑިޔާރުންނަކީވެސް ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީ ކުރެވެންޖެހޭނެ ބައެއް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ އަނެއް އުޞޫލަކީ، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބު ދިނުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ، މިހާރުވެސް އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވާ އެއް ތަން ކމަށާއި ހަމައެފަދައިން ފަނޑިޔާރުގެއަކީވެސް، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާނަމަ، ފަނޑިޔާރުގޭގެ މިޞްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

ހިނގަމުންމިދާ 2019 ވަނަ އަހަރަށް، ރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީއަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. ހަމަ އެފަދައިން، ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.

މިނިވަން ފަނޑިޔާރުގެއެއް ހުރުމަކީ، ޒަމާނީ ޑިމޮކްރެސީ، އެ މައްޗަށް ބިނާވެފައިވާ، އެންމެ މުހިންމު ރުކުން. ޑިމޮކްރެސީއެއްގެ އަމާޒަކީ، ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުން. ހެޔޮ ވެރިކަމެއްގެ ބޭނުމަކީ، އެއްވެސް އިސްތިސްނާއެއް ތަފާތުކުރުމެއްނެތި، ކޮންމެ ރައްޔިތަކަށްމެ، އެމީހެއްގެ ޙައްޤުތައް ލިބިދިނުން. 

އެކަން ޙާޞިލުވެގެން މިދަނީ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުން. މީގެކުރިން ރާއްޖޭގައި ޢަމަލުކުރަމުން އައި ޤާނޫނުއަސާސީތަކުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުވެސް އޮންނަނީ، ތަންފީޒީ ބާރުގެ ތެރޭގައި. ފަނޑިޔާރުގޭގެ ނިންމުންތަކުގައި، އެންމެފަހު ބަސް ބުނުމުގެ ބާރުވެސް އޭރު އޮންނަނީ، ތަންފީޒީ ބާރުގެ އެންމެ އިސް ވެރިޔާއަށް. 

ނަމަވެސް މިހާރުގެ ޤާނޫނުއަސާސީގައި ފަނޑިޔާރުގެއަކީ، ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް. އަދި ފަނޑިޔާރުންނަކީ، ވަކި މުއްދަތެއްނެތި، ދާއިމީ ގޮތެއްގައި އެ މަޤާމަށް ޢައްޔަނު ކުރެވޭ ބައެއް. އެހެންކަމުން، މި ދެންނެވި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން. 

ޤާނޫނުއަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދީފައިވަނީ، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ކޯޓެއްވެސް، މިނިވަންކަމާއެކު ހިންގޭނެ ގޮތަށް. އެހެންވީމާ، ފަނޑިޔާރުގޭގެ ކޮންމެ ކަމެއްވެސް ހުންނަންވާނީ، އެކަމަށް ބުރޫނާރާނެފަދަ ގޮތަކަށް. 

ސަރުކާރުގެ ނިންމުމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ޙައްލުކުރުމަށް ދާން އޮތް ތަނަކީ ފަނޑިޔާރުގެ. ހަމައެފަދައިން ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކަށް، ޢަދުލުވެރި ޙައްލެއް ހޯދުމަށް ދާން އޮންނަ ތަނަކީވެސް ހަމަ އެއީ.

މިއީ ރައްޔިތުންގެ ވެރިކަން ހިނގާ ކޮންމެ ޤައުމެއްގައިވެސް، ދައުލަތުގެ ބާރުތައް ތަރުތީބުކުރެވި އިންތިޒާމު ކުރެވިފައި ހުންނަ ގޮތް. މި ރާއްޖޭގައިވެސް، ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމުގައި، ދައުލަތުގެ ތިން ބާރުގެ ތެރެއިން، އެންމެ މުހިންމު ބާރަކަށްވެފައި މި އޮންނަނީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު. ފަނޑިޔާރުގެ މިނިވަންވާންޖެހެނީ މި ސަބަބަށްޓަކައި.

މިއަދު އޮންލައިން