ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން މަހާރެހެންދި ފަޒްނާ އަހަމަދު އިންޑިއާ އާއި ރާއްޖޭގެ ޘަޤާފީ ޙަރަކާތްތަކެއް ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ޘަޤާފީ މަރުކަޒުގައި "ޝާދީ ރަސްމިއްޔާތު" ގެ ނަމުގައި މިއަދު މެންދުރު ކުރިއަށް ގެންދިއަ ޙަރަކާތްތަކަކީ ދެޤައުމުގެ އަންހެނުންގެ ކޮމިޓީން އިސްނަގައިގެން ދެ ޤައުމުގެ ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދިއަ ޙަރަކާތްތަކެކެވެ.
މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ އަކިލޭޝް މިޝްރާގެ އަނބިކަނބަލުން ޕްރިތީ ވަނީ އިންޑިއާ އާއި ރާއްޖޭގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި އިޖުތިމާޢީ ކަންކަމަށް ފަޒްނާ އަޙްމަދު ދެއްވާ ސަމާލުކަން ފާހަގަކުރައްވައި އެމަނާއަށް ތައްރީފް ކުރައްވައިފައެވެ.
ޕްރީތީ ވިދާޅުވީ ފަޒްނާ އަޙްމަދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބައެއް ކަންކަމުގައި އެކުގައި އަރިހުގައި އުޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަޒްނާއަކީ ވަރަށް ހިތްޕުޅު ހެޔޮ، އިޖުތިމާޢީ ޚިދުމަތް ކުރައްވަން ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ބޭފުޅެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ.