ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން "ތެލަސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މިއީ ލޭގެ ބަލިތަކަށް ޚާއްޞަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަރުޙަލާތަކަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެކުރިން ދޫކުރަމުން އައި ކަރުދާސް ނުވަތަ ޕްރިންޓް ކާޑުތައް ހުއްޓާލައި ތަޢާރަފުކުރި މި ޑިޖިޓަލް ކާޑުގައި ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ 7 ބާވަތެއްގެ ސިފަ ހިމެނެއެވެ. މީގެއިތުރުން، ކާޑުގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، ޢާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ ގޮތަށް ޚާއްޞަ ކިޔު.އާރް ކޯޑެއް ވަނީ ހިމަނާފައެވެ. މި ޑިޖިޓަލް ކާޑު ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފޯރުކޮށްދެނީ ވަޓްސްއެޕް އަދި އީމެއިލް މެދުވެރިކޮށެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ސްކްރީނިންގ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ޞިއްޙީ މަރުކަޒެއްގައި ޚާއްޞަ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމުކޮށް މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދަނީ ޚިދުމަތް ދެމުންނެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ހީމޮގްލޯބިންގެ މިއުޓޭޝަން ދެނެގަތުމުގެ މި ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯރުކޮށްދެމުންދަނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ.