އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް، ރާއްޖޭގެ 6 ރަށެއްގައި ފެނާއި ނަރުދަމާ ނެޓްވޯކް ގާއިމުކުރުމާއި ފުޅާކުރުމުގެ މަޝްރޫއުތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ އާއިޝަތު މުޒްނާ އާއި އަބްދުﷲ ނާޒިރެވެ.
މި އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހއ. އުލިގަން، ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ރ. އިންނަމާދޫ، ރ. ކިނޮޅަސް އަދި ބ. މާޅޮހުގައެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ހއ. އަތޮޅުގެ ތިން ރަށެއްގައި މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން ހއ. އުލިގަމު މަޝްރޫއަށް 22.3 މިލިއަން ރުފިޔާ އަދި ހއ. މޮޅަދޫ މަޝްރޫއަށް 29 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން، ހއ. އިހަވަންދޫގައި އަލަށް އާބާދުވެފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް 17 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.
ރ. އަތޮޅުގެ ދެ ރަށެއްގެ މަސައްކަތް ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. އެއީ ރ. އިންނަމާދޫގެ އާބާދުވަމުން އަންނަ ސަރަހައްދަށް އަމާޒުކޮށް ހިންގާ 19.1 މިލިއަން ރުފިޔާގެ މަޝްރޫއާއި، ރ. ކިނޮޅަހުގައި ހިންގުމަށް ހަމަޖެހިފައިވާ 18 މިލިއަން ރުފިޔާގެ މަޝްރޫއެވެ.
މީގެ އިތުރުން ބ. މާޅޮހުގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް 10.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ވެސް ވަނީ އެއްބަސްވެފައެވެ.