ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ހައުސިން ޔުނިޓުތަކުގެ އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފުވެގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 92 މައްސަލައެއް ފާހަގަކޮށް ރިކޯޑުކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ޔުނިޓުތަކަށް ބަދަލު ގެނައުމާއި، ހުއްދަނެތި ޔުނިޓުތައް ކުއްޔަށް ދިނުން ފަދަ ކަންކަން ހިމެނެއެވެ.
އެފްޑީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިކޯޑުކޮށްފައިވަނީ ހުއްދަނެތި ޔުނިޓުތަކަށް އެކި ބަދަލުތައް ގެނައުމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 44 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 14 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި 1 ފަރާތަކަށް އިންޒާރުގެ ނޯޓިސް ދީފައިވާއިރު، އިތުރު 29 މައްސަލައެއް މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ.
މީގެއިތުރުން، އެއްބަސްވުމާއި އުސޫލުތަކާ ޚިލާފަށް ހުއްދަނެތި ޔުނިޓުތައް ކުއްޔަށް ދޫކޮށްފައިވާ 18 މައްސަލައެއް ވަނީ ފާހަގަވެފައެވެ. އެ މައްސަލަތަކާ ގުޅިގެން 7 ފަރާތެއް ޖޫރިމަނާކޮށް، 2 ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވާފައިވާ ކަމަށާއި، ބާކީ 9 މައްސަލަ އަދިވެސް ބަލަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
ޔުނިޓުތަކާ ގުޅިގެން ފާހަގަކުރެވުނު އެހެނިހެން މައްސަލަތަކުގެ ތެރޭގައި:
- އާންމު ތަންތަނަށް ގެއްލުން ދިނުން: 16 މައްސަލަ (5 ފަރާތަކަށް އިންޒާރު ދީފައި، 11 މައްސަލައެއް ބަލަމުންދޭ)
- އެންގުންތަކަށް އަމަލު ނުކުރުން: 10 މައްސަލަ (1 ފަރާތަކަށް އިންޒާރު ދީފައި، 9 މައްސަލައެއް ބަލަމުންދޭ)
- ކުނި އެޅުމުގެ ޤަވާއިދާ ޚިލާފުވުން: 4 މައްސަލަ (2 ފަރާތެއް ޖޫރިމަނާކޮށްފައި، 2 މައްސަލައެއް ބަލަމުންދޭ)
އެފްޑީސީގެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، އެންމެންގެ މަސްލަހަތު ރައްކާތެރިކުރުމަށް އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.