އޯވަރޯލް ޑެފިސިޓް ނުވަތަ މުޅި ޖުމުލަ ދަރަނީގެ ފަރަދު 2028 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ 5 އިންސައްތައަށް ދަށްކުރުމަށްޓަކައި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ހަލުވިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާރުއަޅައިފިއެވެ.
މަރުކަޒީ ބޭންކުން މިކަމަށް ބާރުއަޅާފައިވަނީ އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ދިން ލަފާގައެވެ. އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 9.4 ބިލިޔަން ރުފިޔާ (ޖީޑީޕީގެ 7 އިންސައްތަ) ގެ ޑެފިސިޓް ބަޖެޓަކަށްވާތީ، މެދުރާސްތާގެ މި އަމާޒަށް ވާސިލުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެދާނެއެވެ. އެހެންކަމުން މާލީ ހަމަޖެހުމާއި މެކްރޯ އިކޮނޮމިކް ރައްކާތެރިކަން ދެމެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމުގެ ގޮތުން، ފިސްކަލް ޒިންމާގެ ޤާނޫނުގައިވާ ފަދައިން ރިކަރަންޓް ޚަރަދު އިތުރުވާ މިންވަރު އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ ދަށުގައި ހިފެހެއްޓުމަށް އެމްއެމްއޭއިން ވަނީ ލަފާދީފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް އައު ފިޔަވަޅުތަކެއް ހިމަނާފައިނުވާތީ، މިހާރު ހުރި ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރުމަށާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ކޯޕަރޭޓް އިންކަމް ޓެކްސް އިތުރުކުރެވޭނެ އިންތިޒާމުތައް ބަލައި ހަރުދަނާކުރަންޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ދައުލަތުގެ ބަޖެޓުން ކުރާ ބޮޑެތި ހޭދަތައް ކުޑަކުރުމަށްޓަކައި ސަބްސިޑީއާއި އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެމްއެމްއޭގެ ލަފާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެންމެންނަށް އެއްހަމައަކުން ދެމުން އަންނަ "ބްލެންކެޓް ސަބްސިޑީ" އުވާލައި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ލިބޭނޭހެން ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުމަށާއި، "ކޯޕޭ" އުސޫލެއް ތައާރަފުކޮށްގެން އާސަންދައިގެ އިސްރާފު ކުޑަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ މާލީ އަދި ސިޔާސީ މަސްރަހަށް އަލިއަޅުވާލަމުން އެމްއެމްއޭއިން އިތުރަށް ފާހަގަކުރީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމުގެ ބިރު އޮތުމުން، އިޤްތިޞާދު ހަމައެކަނި އެއް ދާއިރާއަކަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރަންޖެހޭ ކަމެވެ. އަދި މިފަދަ ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކުރުމުގެ ހަރުދަނާ ޕްލޭނެއްގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.