ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު މީރާގެ އާމްދަނީ %11.8 އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު މީރާގެ އާމްދަނީ %11.8 އިތުރުވެއްޖެ

މިދިޔަ އޮކްޓޯބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.28 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.8 ގެ ކުރިއެރުމެއް ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަދި މިއީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %12.9 އިތުރު އަދަދެކެވެ.

އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އާންމު ވިޔަފާރީގެ ދާއިރާއާއި ޓޫރިޒަމް ދާއިރާއިން ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ދިއުމެވެ. މީގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް)، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ އާމްދަނީގެ ޓެކްސް، އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު އަދަދުތައް ވެސް ވަނީ މަތިވެފައެވެ.

އޮކްޓޯބަރު މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ %58.9 އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހިއްސާކުރީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ މުޅި އާމްދަނީގެ %10.9 ކަމުގައިވާ 248 މިލިއަން ރުފިޔާ އެވެ.

ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރިއަށްގެންދިޔަ ޚާއްސަ މަސައްކަތްތަކުން އެކަނިވެސް 448 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މިއީ އެ މަހު ލިބުނު ޖުމްލަ އާމްދަނީގެ %19.6 އެވެ. މީގެ ތެރޭގައި ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވައިގެން ހޯދި 171 މިލިއަން ރުފިޔާ އާއި، ޑިއުސް ކްލިއަރެންސް މެދުވެރިކޮށް ލިބުނު 161 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުން ބަލައިގަތް 98 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ފޯނުން ހަނދާންކޮށްދީގެން 8 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން 10 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މިއަދު އޮންލައިން