ބޭސް ފޯރުކޮށްދިނުން އަވަސްކުރުމަށް ހުޅުމާލެ ވެއަރ ހައުސްގެ ޚިދުމަތް ރޭގަނޑު 10 އާ ހަމައަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބޭސް ފޯރުކޮށްދިނުން އަވަސްކުރުމަށް ހުޅުމާލެ ވެއަރ ހައުސްގެ ޚިދުމަތް ރޭގަނޑު 10 އާ ހަމައަށް ބަދަލުކޮށްފި

ރާއްޖެއަށް ބޭސް ފޯރުކޮށްދިނުން އަވަސްކޮށް، ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކުރުމުގެ ގޮތުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ސްޓޭޓް ފާމާގެ ވެއަރ ހައުސްގެ ޚިދުމަތްދޭ ވަގުތު ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ޚިދުމަތްތަކުގެ ދުވެލި ހަލުވިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ވެއަރ ހައުސްގެ އޮޕަރޭޝަންތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ހަރަކާތަކަށްފަހު، މީޑިއާތަކާ ވާހަކަދައްކަވަމުން ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރ އަޙްމަދު އިމާދު ވިދާޅުވީ، އެސްޓީއޯއިން ދެމުންދިޔަ ބޭހުގެ ޚިދުމަތްތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުވުމާއެކު އެންމެ ބޮޑު އިސްކަމެއް ދިނީ އެއްވެސް ބުރޫއެރުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ކަމަށެވެ.

އިމާދު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ދުވަހަކުވެސް އަސާސީ ބޭސްތައް ހަމަކުރުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރެވެމުންނެވެ. އެގޮތުން މި ހިނގާ މަހުގެ ނިޔަލަށް ބޭހުގެ ބޮޑު އިންސައްތައެއް ރާއްޖެ ގެނެސް ގުދަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ 195 ފާމަސީއަށް ބޭނުންވާ ބޭސްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި، ލޮޖިސްޓިކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އޭނާ ހާމަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އިމާދު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޓޭޓް ފާމާގެ ވެއަރ ހައުސްތައް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މި މަޝްރޫޢު ނިމުމުން، ރަށްރަށަށް ބޭސް ފޮނުވުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން