ދުނިޔޭގެ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެ ކޮމިޝަނުގެ ސްޓާފުންނަށް ހާއްސަކޮށްގެން މިއަދު ބޭއްވި މި ސެޝަން ނަންގަވައިދެއްވީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ވިމެން އެންޑް ޑިމޮކްރަސީގެ ނައިބުރައީސާ ޢާއިޝަތު ޝީޒާއެވެ.

މި ސެޝަނުގައި، އަންހެނުންނަށް ކުރާ އަނިޔާއާ އަދި އޮފީސް މާހައުލުގައި އަންހެނުން ކުރާ އެކިބާވަތުގެ އަނިޔާ، ފުރައްސާރަ އަދި ގޯނާތަކާއި، އަންހެނަކަށް ވީތީ ކުރެވޭ ތަފާތުކުރުންތަކާ ބެހޭގޮތުން ޝީޒާ މައުލޫމާތުދެއްވިއެވެ.
މީގެ އިތުރުން މި ސެޝަންގައި ސިވިލް ސާވިސް ކޮމިޝަނުންގެ ރައީސް ޑރ. ޢަލީ ޝަމީމު ވާހަކަ ދައްކެވިއެވެ. އެގޮތުން ޝަމީމު ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލް އަޤްވާމީ ގޮތުން ހަރަކާތްތައް ފެށިގެން އައިގޮތުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބައްލަވާލައްވައި މައުލޫމާތު ޙިއްސާކުރެއްވިއެވެ.
މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެ ކޮމިޝަނުގެ ސްޓާފުން އޮފީހަށް މިއަދު ހާޒިރުވީ އޮރެންޖުކުލައިގެ ހެދުން ތުރުކުރައްވައިގެނެވެ.