ވޭޕްކުރުމަކީ މަސްތުވާތަކެތީގެ ކުށެއްގެ ގޮތުގައި ބަލައި، ހަރުކަށި އަދަބުތަކާއި ޖަލު ޙުކުމް ކަނޑައަޅަން ސިންގަޕޫރުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ވޭޕްކުރުމަކީ މަސްތުވާތަކެތީގެ ކުށެއްގެ ގޮތުގައި ބަލައި، ހަރުކަށި އަދަބުތަކާއި ޖަލު ޙުކުމް ކަނޑައަޅަން ސިންގަޕޫރުން ނިންމައިފި

ސިންގަޕޫރުގެ ސަރުކާރުން ވޭޕްކުރުމާ ގުޅޭ އަދަބުތައް ވަރަށް ބޮޑަށް ހަރުކަށި ކުރުމަށްނިންމައިފިއެވެ. މީގެ ތެރޭގައި ބޮޑެތި ކުށްވެރިންނަށް ޖަލު ޙުކުމް ކަނޑައެޅުން ވެސް ހިމެނެއެވެ.

އާދީއްތަ ދުވަހު ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ލޯރެންސް ވޯންގ ވިދާޅުވީ، ވޭޕިންގ އަކީ އާންމު ސިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށާއި، މިހާރު މިކަން ބެލެވޭނީ ދުންފަތުގެ ބޭނުންކުރުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ގޮތުގައި ކަމަށެވެ.

އޯގަސްޓް 17 ގައި ބޭއްވުނު ނޭޝަނަލް ޑޭ ރެލީގައި ވާހަކަދައްކަވަމުން ވޯންގ ވިދާޅުވީ، ކޮންމެ ޖީލެއްގައިވެސް ޒުވާނުންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން އޮންނަ ކަމަށެވެ. އަދި އައު ނުރައްކާތައް ކުރިމަތިވާނެ ކަމަށާއި، ވޭޕިންގ އަކީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެން ވޭޕިންގ އާމެދު ޢަމަލުކޮށްފައިވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާ އެއްފަދައިންނެވެ. ގިނަވެގެން ޖޫރިމަނާއެއް ކުރަނީއެވެ. އެހެންނަމަވެސް އެއީ މިހާރު ފުދޭވަރެއް ނޫނެވެ. އަޅުގަނޑުމެން މިކަމާމެދު ޢަމަލުކުރާނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ގޮތުގައި، އަދި މާ ހަރުކަށި އަދަބުތަކެއް ކަނޑައަޅާނަމެވެ،" ވޯންގ ވިދާޅުވިއެވެ.

ގެއްލުން ހުރި މާއްދާތައް އެކުލެވޭ ވޭޕް ވިއްކުމުގައި ބައިވެރިވާ ފަރާތްތަކަށް ޖަލު ޙުކުމާއި ހަރުކަށި އަދަބުތައް ކަނޑައެޅިދާނެ ކަމަށް ވޯންގ ވިދާޅުވިއެވެ. އަދި ސިންގަޕޫރުން ވަނީ އެޑިކްޓުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

މިހާރުވެސް ސިންގަޕޫރުގައި މަނާކުރެވިފައިވާ ވޭޕްތަކުގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިގައި އެޓޮމިޑޭޓް ކިޔާ ތަދުކެނޑުވާ މާއްދާ އެކުލެވޭ ކަމަށް ސިއްޙީ އިދާރާތަކުން ބުނެއެވެ. ޑޮކްޓަރުން އާންމުކޮށް އެޓޮމިޑޭޓް ބޭނުންކުރަނީ ހޭނެތުމަށެވެ. ނަމަވެސް މި މާއްދާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ހަޔާލީ އެއްޗެހި ފެނުމާއި ގުނަވަންތަކަށް ގެއްލުން ލިބިދާނެ ކަމަށް ބްލޫމްބާގ އިން ރިޕޯޓުކޮށްފައިވެއެވެ.

މިވަގުތު ސިންގަޕޫރުން ދަނީ އެޓޮމިޑޭޓް އަކީ މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން މަނާ މާއްދާއެއްގެ ގޮތުގައި އިޢުލާނުކުރުމަށް މަސައްކަތްކުރަމުންނެވެ. މި ގިންތިކުރުމުގެ ދަށުން، އެޓޮމިޑޭޓް އެކުލެވޭ ވޭޕް ބޭނުންކުރާ މީހުންނަށް ސިންގަޕޫރުގައި ކޮކެއިން ފަދަ ގަދަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ އެއްވަރުގެ ހަރުކަށި އަދަބުތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

 

މިއަދު އޮންލައިން