ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ފެށްޓެވި ދަތުރުތައް އަލުން އަލުން ފަށްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރުމުގެ މަސައްކަތްތައް އަނެއްކާވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށާއި މިވަގުތަށް ދަތުރުތައް މަޑުޖައްސާލާފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން، މި ޙާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅަކަށްވާތީކަމަށެވެ.
ރައީސް ވިދާޅުވީ އަތޮޅުތަކަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކުރުމުގެ މަސައްކަތްތައް 2 މަސް ފަހުން ފައްޓަވާނެކަމަށާއި ޢަމާޒު ހިފާފައިވާގޮތަށް، މިހާރު ނުދެވި އޮތް 130 އެއްހާ ރަށަށް މިއަހަރު ވަޑައިގަންނަވާނެކަމަށެވެ.
މީގެއިތުރުން މާލޭގެ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުމުގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.