މިއަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނީގެ ގޮތުގައި 1.45 ބިލިޔަން އެމެރިކާ ޑޮލަރު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ދަރަނި އަދާކުރުމަށް މިހާ ބޮޑު މިންވަރެއް ހޭދަކޮށްފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުން ކަރަންސީ ސްވޮޕާ އެކު ދެއްކި މި އަދަދަކީ، ވޭތުވެދިޔަ 10 އަހަރާ އަޅާބަލާއިރު 483 މިލިޔަން ޑޮލަރު އިތުރު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއަހަރު ދަރަނި ދެއްކުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ވެސް ކުޑަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި ބޮޑު މިންވަރަކަށް އަދާކުރަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ އަދި އެހެނިހެން ޚިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނުވަތަ މެދުކެނޑުމެއް އައިސްފައި ނުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ޤައުމުގެ ރިޒާވާއި އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ ހަމައަށް، ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރެއް ކަމަށްވާ 1.3 ބިލިޔަން ޑޮލަރަށް މަތިކުރެވުނު ކަމަށެވެ. އަދި ބޮޑެތި ދަރަނިތައް ދެއްކުމާ ގުޅިގެން ރިޒާވަށް ބަދަލުތަކެއް އައި ނަމަވެސް، ކުރިއަށް އޮތް އަހަރު އެ ޢަދަދު އިތުރަށް ރަނގަޅުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ ކްރެޑިޓް ރޭޓިން މަތިވެ، އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، ބޭރުގެ މާލީ އިދާރާތަކުން ވެސް ރާއްޖެއިން ހޯދި މި ކާމިޔާބީ ފާހަގަކޮށް ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.