ވެރިކަމާ ހަވާލުވިއިރު ނުދައްކާ ހުރި ބިލުތައް ދައްކަން 25.13 ބިލިއަން ރުފިޔާ ހޭދަކޮށްފިން: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ވެރިކަމާ ހަވާލުވިއިރު ނުދައްކާ ހުރި ބިލުތައް ދައްކަން 25.13 ބިލިއަން ރުފިޔާ ހޭދަކޮށްފިން: ރައީސް މުޢިއްޒު

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެކި ކުންފުނިތަކަށް ދައްކަންޖެހި ނުދައްކާ ހުރި ބިލުތައް ދެއްކުމަށްޓަކައި މިހާތަނަށް ޖުމްލަ 25.13 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވި ސަރުކާރު ނިމުނުއިރު މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވި ކަމަށެވެ. އެގޮތުން 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައި ވީހާވެސް ގިނަ ބިލުތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވި ކަމަށާއި، މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް އެކި ކުންފުނިތަކަށް 1.55 ބިލިއަން ރުފިޔާގެ ބިލުތައް ދައްކާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، 2028 ވަނަ އަހަރުގެ ބަޖެޓާ ހަމައަށްދާއިރު 2023 ވަނަ އަހަރާ އަޅާބަލާއިރު ބަޖެޓް ޑެފިސިޓް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ އިޤުތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، 2029 ވަނަ އަހަރު އަންނައިރު ޑެޓް ޓު ޖީޑީޕީ ރޭޝިއޯ 112.9 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިޤުތިޞާދު އޮތް މިންވަރަށްވުރެވެސް ރަނގަޅު ނިސްބަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިނގަމުންދާ އަހަރުވެސް ސަރުކާރުގެ މައިގަނޑު އަމާޒަކީ ދަރަނިތައް ދެއްކުމަށް ޚާއްޞަ އިސްކަމެއް ދީގެން މާލީ ހަމަޖެހުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން