ޤައުމަށާއި ދީނަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ސަރުކާރުން ކުރިއަށްގެންދާ "ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް 1028 ކުދިން ތަމްރީނުކޮށް ނިންމާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ޤައުމުގެ އުމްރާނީ ތަރައްޤީ ބިނާކުރާ މިންވަރާ އެއްވަރަކަށް އިންސާނީ ތަރައްޤީވެސް ބިނާކުރުން ކަމަށެވެ. އަދި އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް 300 އަށްވުރެ ގިނަ ކުދިން އަންނަނީ މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ފުރިހަމަކުރަމުންނެވެ.
މީގެއިތުރުން، ސަރުކާރުގެ މުސްތަޤުބަލުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 1000 ކުދިން މި ޕްރޮގްރާމުން ތަމްރީނުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުވަމުންދާ ވަރަކަށް، މި ޕްރޮގްރާމުން އަހަރަކު ތަމްރީނުކުރާ ކުދިންގެ އަދަދު 1500 އަށް އިތުރުކުރުމަކީ ސަރުކާރުގެ އުންމީދެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.