އިދިކޮޅު ފަރާތްތައް ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި، މި ސަރުކާރުން ރައްޔިތުންނާއެކު ޙަޤީޤީ ދުނިޔޭގައި ކުރިއަށްދާނީ ހުސް ވާހަކައިގެ ބަދަލުގައި ޢަމަލީ ނަތީޖާ ދައްކައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ސަރުކާރުން މިހާތަނަށް ހޯދާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ ޒުވާނުން ބިނާކުރުމަށް ސަރުކާރުން އިސްކަންދީގެން ފެށި "ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް" އަކީ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއު ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު ވަޒީފާއެއް ނެތި އަދި މަތީ ތައުލީމަށްވެސް ނުގޮސް ތިބި ޒުވާނުންގެ ޢަދަދު ގިނަވުމެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ބޮޑު މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ޤައުމަށް ވަފާތެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ "ނޭޝަނަލް ސާވިސް" މޮޑެލްއަށް ބިނާކޮށް މި ޕްރޮގްރާމް ރާއްޖޭގައި ފައްޓަވާނެކަން ރައީސް އިޢުލާނުކުރެއްވީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ކާމިޔާބީގެ ތަފާސްހިސާބުތައް ޙިއްޞާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިނިޝަލް ތަމްރީނުތަކުގެ ތިން ބެޗެއް މިހާތަނަށް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އެގޮތުން:
މީގެއިތުރުން، ފަންނީ ތަމްރީނުތަކުގެ ފުރަތަމަ ބެޗުން 63 ދަރިވަރުން (48 ފިރިހެން، 15 އަންހެން) އަދި ދެވަނަ ބެޗުން 73 ދަރިވަރުން (60 ފިރިހެން، 13 އަންހެން) ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އެހެންކަމުން، މިހާތަނަށް މުޅި ޖުމްލަ 1،164 ޒުވާނުން (950 ފިރިހެން އަދި 214 އަންހެން ދަރިވަރުން) ވަނީ ވަތަނީ ޚިދުމަތުގެ އެކި މަރުޙަލާތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށާއި، މިހާރުވެސް 288 ފިރިހެން އަދި 64 އަންހެން ދަރިވަރުންނާއެކު އަސާސީ ތަމްރީނުގެ ހަތަރުވަނަ ބެޗުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަމަލީ ގޮތުން ހަޤީޤީ ހައްލުތައް ހޯދައިދީ، ޤައުމަށް ފެންނަފަށުގައި ހުރި ނަތީޖާތަކެއް ނެރެދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.