ތަރައްޤީގެ 8 އަސާސެއް ރައީސް ހާމަކުރައްވައިފި؛ މައިގަނޑު ބިންގަލަކަށްވާނީ އިސްލާމްދީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތަރައްޤީގެ 8 އަސާސެއް ރައީސް ހާމަކުރައްވައިފި؛ މައިގަނޑު ބިންގަލަކަށްވާނީ އިސްލާމްދީން

ރާއްޖޭގެ ތަރައްޤީގެ މިސްރާބު ބައްޓަންކުރަމުން ގެންދަވަނީ ވަކި ހަރުދަނާ އަސާސުތަކެއްގެ މައްޗަށްކަން ހާމަކުރައްވަމުން، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ހުރިހާ ދާއިރާއަކުންވެސް ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކޮށްލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލްކުރި މުހިންމު ކަންކަން ހިއްސާކުރެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަންވެސް ބިނާވެފައިވަނީ މި އަމާޒުތައް ހާސިލްކުރުމުގެ މައްޗަށް ކަމަށެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި ޤައުމުގެ ތަރައްޤީ ބިނާކުރާ މި ހުރިހާ ކަމެއްގެ މައިގަނޑު ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހިޔާވައްސަކަށް ވާންޖެހޭނީ އެކަކު އަނެކަކަށް ކުރާ އިހްތިރާމް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ތަރައްޤީގެ މައިގަނޑު 8 އަސާސަކީ: ތިޔާގި ޤައުމަކަށްވުން، ސިޔާދަތީ މިނިވަންކަން އޮތް ޤައުމަކަށްވުން، ވިލުންތެރި ޤައުމަކަށްވުން، ޝާމިލް ޤައުމަކަށްވުން، އުފެއްދުންތެރި ޤައުމަކަށްވުން، ގުޅިފައިވާ ޤައުމަކަށްވުން، ދުޅަހެޔޮ އަދި ހުނަރުވެރި ޤައުމަކަށްވުން އަދި އިތުބާރު ކުރެވޭ ޤައުމަކަށްވުމެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސިޔާސީ ކުލަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިއީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ނުވަތަ ވަކި ފިކުރެއްގެ ވާހަކައެއް ނޫން ކަމަށާއި، މިއީ މިއަދުގެ ޖީލާއި މުސްތަޤުބަލުގެ ދަރިންނަށްޓަކައި ޤައުމު ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެ އޮންނާނީ ވަށާޖެހޭ ތަރައްޤީއާއި، ހަމަޖެހުމާއި، އަދި އެންމެ ފުރިހަމަ ސެކިއުރިޓީ ލިބިފައިވާ ތަނެއްގެ ގޮތުގައި ފަޚުރުވެރިކަމާއެކު ދަރިންނަށް ވާރުތަކޮށްދެވިފައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން