ދީނީ ކަންކަމަށް ހަރަދުކުރަން ދައުލަތުގެ ބަޖެޓަށް ބުރަނުވާނެ ނިޒާމެއް ގާއިމުކުރެވިއްޖެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދީނީ ކަންކަމަށް ހަރަދުކުރަން ދައުލަތުގެ ބަޖެޓަށް ބުރަނުވާނެ ނިޒާމެއް ގާއިމުކުރެވިއްޖެ: ރައީސް

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ދާއިރާއިން ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ދިވެހިންގެ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމްދީނަށް ޚިދުމަތް ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓަށް ބުރަނުވެ ޚަރަދުކުރެވޭނެ ދެމެހެއްޓެނިވި މާލީ ނިޒާމެއް ޤާއިމުކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި "ރައްޔިތުންގެ ސަރުކާރަށް 3 އަހަރު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަގުފުގެ ދާއިރާއިން ކުރެވޭ އިންވެސްޓްމަންޓްތަކުން ކުރިއަށް އޮތްތަނުގައި ނަފާ ލިބެން ފެށުމުން، ދީނީ ކަންކަމަށް ހޭދަކުރުމަށް އަބަދުވެސް ފައިސާ ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އަދި އެ ފަންޑުގެ ސަބަބުން އިސްލާމްދީން ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް ވަރަށް މުއްސަނދި މާލީ ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން އައުގާފާއި ވަގުފުގެ ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު، މި ދާއިރާއަށް ޚާއްސަ ކުންފުންޏެއް ވެސް މިހާރު ވަނީ އުފައްދަވާފައެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނަށް ޚާއްސަ ވަގުފު ޢިމާރާތެއް އެޅުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށާއި، ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤުރުއާން މަރުކަޒުތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ.

ރާއްޖޭގެ ކަންކަން ބިނާކުރުމުގައި އެންމެ އިސްކަމެއް ދެއްވަނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް ކަމަށް ވިދާޅުވަމުން، އިސްލާމްދީނާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުކުރެވޭނެ ގޮތަށް ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޒަކާތުގެ ނިޒާމަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން، ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ރައްޔިތުން ޒަކާތް ދެއްކި އަހަރުތައް ކަމަށާއި، މިއީ އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ޙައްޖުވެރިންނަށް ކަންކަން ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން